ތާލިބާނުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފި

Islamic-Emirate-of-Afghanistan-flag-and-emblem

އަފްގާނިސްތާންގެ ވެރިކަމުގެ ކޮންޓްރޯލު މިހާރު ހޯދާފައިވާ ތާލިބާނު ޖަމާއތުން އެ ގައުމުގެ ނަން ބަދަލުކޮށްފިއެވެ.

އަފްގާނިސްތާންގެ އާ ނަމަކީ، "އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން"ކަން އެ ޖަމާއަތުން މިހާރު ވަނީ ޢިއުލާން ކޮށްފައެވެ.

ތާލިބާން ޖަމާއަތުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފައިވާއިރު، އެ ގައުމުގެ ދިދައާއި، ގައުމީ ނިޝާން ވެސް ވަނީ ބަދަލުކޮށްފައި ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަފްގާނިސްތާން އަލުން ތާލިބާން ބާރުގެ ދަށަށް ގެނެސްފައިވާއިރު، ވެރިރަށް ކާބުލްއަށް ތާލިބާނުން ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭގެ ވަގުތުކޮޅެއް ކުރިން އެ ގައުމުގެ ރައީސް އަޝްރަފް ގަނީ ވަނީ ގައުމު ދޫކޮށް ވަޑައިގެންފައެވެ.

ރައީސް ގަނީ މިހާރު ހުންނެވީ ޔޫއޭއީގެ ހިމާޔަތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރައީސް ގަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމަށްފަހު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ގައުމުގައި އިތުރު ލޭ އޮހޮރުވުމަކަށް ޖާގަ ދެއްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި މަގާމުގެ ދިފާއުގައި އިތުރަށް ހަނގުރާމަކުރަން ގަސްދު ކޮށްފިއްޔާ، ބޮޑު ލޭއޮހޮރުވުމެއް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތާލިބާނުން ބުނި ގޮތުގައި އެޖަމާއަތުގެ ހަނގުރާމަވެރިން ކާބުލްއަށް ވަނީ ހޮނިހިރު ދުވަހުގެ ރޭ ގަނޑުގެ ވަގުތެއްގައެވެ. އަދި ސިޓީއަށް ވަންނަން ޖެހުނީ، ރަށު ތެރޭގެ ސަލާމަތީ ކަންތައްބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން، ވަޒީފާއާއި މަސްއޫލިއްޔަތުތައް ދޫކޮށްލާފައި، ގެތަކަށް އެނބުރި ދިއުމުން، ރަށުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ މަގްސަދުގައިކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ތާލިބާނުންނާ ހަވާލާދީ މިދިޔަ އަންގާރަ ދުވަހު އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަފްގާނިސްތާނުގެ އަމީރަކަށް ތާލިބާން ޖަމާއަތުން ވަނީ އުމުރުން 53 އަހަރުގެ، އެ ޖަމާއަތުގެ ދެވަނައަށް އެންމެ އިސް ލީޑަރު ކަމަށްވާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ހަމަޖައްސާފައެވެ. ކަންދަހާރަށް އުފަން މުއަލާ ބަރާދަރަކީ 1990 ގެ ތެރޭގައި ތާލިބާން ޖަމާއަތް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެޖަމާއަތުގެ ވެރިންގެ ތެރޭގައި ހިމެނޭ އަސްކަރީ ކޮމާންޑަރެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *