ހދ. ނައިވާދޫ ފުޓްސަލް ދަނޑު ސަރަހައްދުގައި ގަބުރު ހުރިތޯ ބެލިބެލުމުން ކޮނުނު ކޮނުމުން، އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.
ނައިވާދޫ ކައުންސިލުން ވިދާޅުވީ، ފުޓްސަލް ދަނޑު ސަރަހައްދުގައި ގަބުރު ހުރިތޯ ބެލުމަށް އެ ސަރަހައްދުގެ 7 ތަނެއް ކޮނެގެން ބެލިކަމަށާއި އެ އެއްވެސް ތާކުން ގަބުރެއް ފެނިފާ ނުވާކަމަށެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަބުރު ހުރިތޯ ބެލުމަށް ނިންމީ މިއަހަރުގެ އަޟްޙާ އީދު ނަމާދު ކުރުމަށް ފުޓްސަލް ދަނޑު ކަނޑައަޅާއި ޢީދު ވިލޭރޭ ހުރިހާ މަސައްކަތެއް ނިންމާ ތަން ތައްޔާރު ކޮށް ނިމުނު ފަހުން ރަށުގައި ދިރިއުޅޭ ހަރު އުމުރުގެ ބައެއް މީސްކޮޅެއް ކައުންސިލާ ބައްދަލުކޮށް އެ ސަރަހައްދުގައި ގަބުރު ހުރިކަމަށް ބުނުމުން ކަމަށެވެ.
"ހަރު އުމުރުގެ ދެތިން މީހުން ހެކިވި އެތާ ގަބުރު ހުރިކަމަށް. އެކަމު ދަންވަރު ވަގުތު ވީމަ އެ ގަޑީގަ ނުކޮނެވުނު. އަޅުގަނޑުމެން ނިންމީ އީދު ނަމާދު ކުރުން މިސްކިތައް ބަދަލުކުރަން. ގަބުރު ހުރިއްޔާ ނަމާދު ނުކުރެވޭނެތީ." އަލީ ރަޝީދު ވިދާޅުވި އެވެ.
ގަބުރު ހުރެދާނެ ކަމަށް ނިންމާ އެތަން ކޮނެ ބެލެން ދެން ކައުންސިލުން ނިންމީ އެ ސަރަހައްދުގައި ކުޅޭ ކުޅިވަރުތައް ވެސް މެދުކަނޑާލުމަށް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ފުޓްސަލް ދަނޑުގެ އިތުރުން ވޮލީ ކޯޓަކާއި ބަށި ކޯޓެއްވެސް އެސަރަހައްދުގައި އޮވެއެވެ.
މިދިޔަ އަންގާރަ ދުވަހު ޒުވާނުން އިސްވެ އެ ސަރަހައްދު ކޮނެ ބެލިއިރު ގަބުރު ނުފެނުމުން، މިހާރު ކައުންސިލުން ވަނީ އެ ސަރަހައްދުގައި އަލުން ކުޅިވަރުތައް ކުޅެން ހުއްދަ ދީފައެވެ.
މި ކަމާގުޅިގެން ނައިވާދޫ ރައީސް އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި ކުރިން މަސައްކަތް ކުރި އިސް ރައްވެއްސެއްގެ އެހީގައި ކޮންނަންވީ ތަންތަން ބަލާ ކޮނެވުނު ކަމަށެވެ.
https://thiladhun.wonstasite.com/68763
"ފާހަގަކޮށްލަން އަޅުގަނޑުމެން ފުޓްސަލް ދަނޑު ސަރަހައްދުގައި އީދު ނަމާދު ކުރާ ކަން ރަށުގެ ރައްޔިތުންނަށް ކުރިއާލާ އެންގިން. ވައިބާރ ގްރޫޕް ތަކުގަ ވެސް ޖެހިން. އޭރަކު އެއްވެސް މީހަކު އަޅުގަނޑުމެން ކައިރީގައި ނުބުނޭ ގަބުރު ހުރިކަމަކަށް. ސަރަހައްދު އީދު ނަމާދަށް ކުރަންޖެހޭ އަމަލީ މަސައްކަތް ނިމި އެހާ ދަންގަޑިއެއްގަ އެފަދައިން ބުނުމުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވި އަދި އެއީ އަޅުގަނޑުމެންނަށް ބަލައިގަންނަން އުނދަގޫކަމެއް." ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވިއެވެ.
ނައިވާދޫގައި ފުޓްސެލް ދަންޑު ހުރި ސަރަހައްދުގައި ކުރިން މިސްކިތެއް ހުރި ކަމަށާއި އެ މިސްކިތްދަށުގައި ގަބުރު ހުރެދާނެ ކަމަށް މީހުން ކިޔާއުޅޭކަމަށާއި އެހެންނަމަވެސް އެއީ އެ ސަރަހައްދާ ކުޑަކޮށް ދުރު ސަރަހައްދެެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!