ހއ. ވަށަފަރު ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ މީހާގެ ސާމްޕަލް ނަގާފައިވަނީީ މި މަހުގެ 16 ވަނަ ދުވަހު ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދިޔުމުންނެވެ.

Ad
rt

ވަށަފަރު ސިއްހީ މަރުކަޒުގެ މެނޭޖަރު އަލީ މުސްތަފާ "ތިލަދުން" އަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ މީހާ ބަލިވެގެން މަރުކަޒަށް އައީ އޭނާ މާލެއަށް ގޮސްއައިތާ 2 ދުވަސް ފަހުން ކަމަށެވެ.

އަދި ޕޮޒިޓިވްވި ފަރާތަކީ ދަތުރު ކުރުމުގެ އައު އުސޫލުގެ ދަށުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާފައިވާ 2 ޑޯޒް ޖެހުމަށްފަހު ދަތުރު ކުރި މީހެއްކަންވެސް މުސްތަފާ ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ވަކި ގޮތެއް ނުނިންމާކަމަށާއި މޮނިޓަރިން އަށް ލާކަށް އަދި ނާންގާ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

"މި ކޭސް އާއި ގުޅޭ ކޮންޓެކްޓްރޭސިން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވި ކޮންޓެކްޓުންގެ ސާމްޕަލްތައް ވެސް މިއަދު ވަނީ ނެގިފަ" އަލީ މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކޭސް އާއި ގުޅިގެން ވަށަފަރު ރައްޔިތުން އަންނަނީ ފަރުވާތެރި ކަމާއެކު ވަރަށް ފުރިހަމަ އަށް އަންގާފައި އޮތް އެންގުން ތަކަށް ތަބާވެ ފުރިހަމަ އެއްބާރުލުމެއް ދެމުން ކަމަށް ވެސް އަލީ މުސްތަފާ ވިދާޅުވިއެވެ.

ވަށަފަރުން މީގެ ކުރިން ވަނީ ކަރަންޓީނުގައި ހުރި 2 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް، ކަރަންޓީނުގައި ނެތް މީހަކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީ ފުރަތަމަ ފަހަރެވެ.

އިއްޔެ ވަނީ ދިއްދޫގައި ވެސް އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފައެވެ. އެއީ ވެސް ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު އެރަށަށް ދަތުރުކުރި މީހެކެވެ.