ޢާޝޫރާ ދުވަސް، ވަރަށް މަތިވެރި އިޙްތިފާލެއް!

36170119-5DEA-4E2B-86F2-184BB265C559

ދީނީ އިޙްތިފާލުތަކަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެން ކުރަމުން އަންނަ ކަންކަމެވެ. އެ ކަންކަމަކީ އިންސާނާ އޭނާގެ ވެރިރައްބާ އޮންނަ ގުޅުން ހަނދުމަކޮށް، އެ އިލާހު ދެއްވި މަތިވެރި ނިޢުމަތްތަކަށް ޝުކުރު ވެރި ވުމުގެ ގޮތުން ބާއްވާ އިޙްތިފާލުތަކެކެވެ. މުޅި އަހަރު ތެރެއަށް ބަހާލެވިފައިވާ ގޮތަށް އަޅުކަމުގެ އެކިއެކި ފޯވަހިތަށް ލެއްވިކަމީ ރައްބުލް ކާއިނާތުގެ އޯގާވެރި ކަމެވެ.

ދާދި މިދާކަށް ދުވަހު އަޅުގަނޑުމެން ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަސް ފާހަގަ ކޮށްފީމުއެވެ. ޙައްޖު ދުވަހުގެ ދަރުމައާއި ސަވާބަށް އެދި ރޯދަ ހިފީމުއެވެ. އަޟްޙާ ޢީދުގެ މަތިވެރިކަން އަދައިގެން ޤުނުބާންކޮށް އޭގެ މަސް ފަޤީރުންނަށާއި ޙާޖާތްތަކަށް ޖެހިފައިވާ މީހުންނަށް ޞަދަޤާތް ކޮށްފީމުއެވެ. ޙައްޖުގެ ދުވަހާއި ޙައްޖު މަސް ނިމުމުން އަހަރު ނިމި، މުޙައްރަމް މަސް ފެށެނީ އިސްލާމީ ކަލަންޑަރުން އައު އަހަރަކަށް އަލިވިލަމުންނެވެ. އިހު ބަޔާން ކުޅަ ފަދައިން އަޅުކަމުގެ އެހެން މޫސުމެއް މުސްލިމުންނަށް ގެނެސްދެމުންނެވެ.

މުޙައްރަމް މަހަކީ ﷲ سبحانه وتعالى އެ އިލާހުގެ ޒާތުފުޅަށް ނިސްބަތް ކުރައްވާފައިވާ މަހެކެވެ. އެ މަހަކީ ޝަހްރު ﷲ ކަމުގައި ޙަދީޘްފުޅު ޞައްޙަ ވެގެން އައިސްފައިވެއެވެ. މި މަހުގައި އެންމެ އިސްކަމެއް ދެވޭ ދުވަހަކީ ޢާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހަކީ، މުޙައްރަމް މަހުގެ 10ވަނަ ދުވަހެވެ. މި ދުވަހުގެ ރޯދައިގެ މަތިވެރިކަމާއި މާތްކަމުގެ ވާހަކައިން އިސްލާމީ މުޖްތަމަޢުތައް މި ވަނީ ގުގުމާފައެވެ.

އެ ރޯދައަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ބެހެއްޓެވި އަހައްމިއްޔަތާއި، އެއިން ލިބޭ ފައިދާގެ ވާހަކައެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ޢާޝޫރާ ދުވަހުގެ ރޯދައިން، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު ﷲގެ ޙަޟްރަތުން އުންމީދު ކުރައްވަމެވެ." (الترمذي: 752)

މިހާ މުހިންމު ކަމެއް ދެވޭ ޢާޝޫރާ ދުވަހުގެ ޙަޤީޤަތާ މެދު ނަޒަރު ހިނގާލުން އެއީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ދެކެމެވެ. އެ ދުވަހަކީ ބަނޫ އިސްރާއީލުންނާ އެކު މޫސާގެފާނު ކަނޑު ހުރަސްކުރައްވައި އަމާންކަމާ އެކު ސަލާމަތްވެވަޑައިގެން ދުވަހެވެ. މޫސާގެފާނުގެ ފަސްފަހަތުން އައި އަނިޔާވެރި ފިރުޢައުނާއި އޭނާގެ ލަޝްކަރު އެ ކަނޑުގެ ތެރެއަށް ޣަރަޤު ކުރެއްވުނު ދުވަހެވެ. މޫސާގެފާނަށް ކާމިޔާބު ލިބިވަޑައިގެންނެވި ދުވަހެވެ.

ޞައްޙަ ޙަދީޘުގައި ވާރިދުވެފައިވާގޮތުން، މި ދުވަސްތަކަކީ أيام الله، ނުވަތަ ﷲގެ ދުވަސްތަކުގެ ގޮތުގައި، ޚުދު މޫސާ عليه السلام ވެސް ބަނޫ އިސްރާއީލުންނަށް ހަނދުމަކޮށްދެއްވައި އުޅުއްވިއެވެ. އެ މީހުންނަށް ނަޖާތެއް ދެއްވިކަމާއި، މާތް ﷲގެ ފަޟުލަވަންތަ ވެރިކަމުން އެބައިމީހުން ތިބި އަނިޔާވެރިކަމުގެ ތެރެއިން ސަލާމަތް ކުރެއްވިކަމެވެ. އަދި އެ އަނިޔާވެރި ކަމުން ނެރެ، މިސްރު ދޫކުރައްވާ ބަނޫ އިސްރާއިލުންނާގެން ވަޑައިގެންނެވި މަގުމަތީ ދިމާވި އެންމެ ބޮޑު ތަކުލީފަކީ ކަނޑުގެ އައްސޭރިއަށް އާދެވުނު ވަގުތު ކަމާއި، ﷲގެ މަތިވެރި މުޢުޖިޒާތެއް ދައްކަވައި އެބައިމީހުންނަށްޓަކައި ކަނޑު ދެފަޅި ކުރެއްވި ކަމެވެ. އަދި އެ ކަނޑު ދެ ފަރާތަށް ބެހިގެން ގޮސް ފަސޭހަކަމާ އެކު ހިނގޭނެ މަގެއް ﷲ ހުޅުއްވައި ދެއްވިކަމެވެ. އެ މަގުން ހިނގާފައި ދިޔައިރު އުސް ފާރެއް ފަދައިން ކަނޑުގެ ލޮނުގަނޑު ދެ ފަރާތުގައި މަޑުކުރައްވާފައި ބޭއްވެވިކަމެވެ. އަދި އެބައިމީހުން އެތަނުން ހުރަސް ކުރެވުމާއެކު އޭގެފަހަތުން އައި ފިރުއައުނުގެ ލަސްކަރުގެ މައްޗަށް އެ ލޮނުގަނޑު އޮހިގެން ދިޔަކަމެވެ.

އެބައިމީހުން ބަލަބަލައި ތިއްބާ އަނިޔާވެރި ލަސްކަރުގެ ގަދަފަދަ ކަމަށް ދައުވާކުރި ހަތިޔާރު އެޅި ހަނގުރާމަ ވެރިންނާއި، އަސްވާރުންނާއި، އެނޫން އެންމެން ޣަރަޤު ކުރެއްވިކަމެވެ. އެ ހުރިހާ އެންމެންގެ މައްޗަށް މަތިވެރި ރައްބެއްކަމަށް ދައުވާ ކުރި ކިބުރު ވެރި ޖައްބާރު އަނިޔާވެރި ފިރުޢައުނު ނިކަމެތި ގޮތަކަށް ފެނުތެރޭ ޣަރަޤުވެދިޔަ ގޮތުގެ ވާހަކައެވެ. މި ހުރިހާ ކަމެއް މޫސާގެފާނު ބަނޫ އިސްރާއީލުންނަށް ހަނދާން ކޮށްދެއްވަމުން ގެންދެވީ އެބައިމީހުން ﷲގެ ރަޙްމަތަށް ޝުކުރު ވެރިވޭތޯއެވެ.

ކީރިތި ޤުރުއާނުގައި ވެސް މިކަން މި މަގުން ބަޔާން ކުރައްވައި ﷲ تعالى ވަޙީކުރައްވަނީ ‎﴿وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُم بِأَيَّامِ اللَّهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ﴾ (ابراهيم: ٥)‏ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آيةތަކާއިގެން، މޫސާގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ ޤައުމުގެ މީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّهގެ ދުވަސްތައް ހަނދުމަ ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، ޝުކުރުވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم މަދީނާއަށް ހިޖުރަކުރެއްވިއިރު އެ ރަށުގައި ތިބި ޔަހޫދީން މުޙައްރަމު މަހުގެ 10ވަނަ ދުވަހު ރޯދަ ހިފާތީ ދެކެވަޑައިގަތެވެ. އަދި އެކަމުގެ ޚަބަރު އޮޅުން ފިލުއްވެވިއެވެ. އެބައިމީހުން ދެންނެވީ މި ދުވަހުގެ ރޯދަ ތިމަންމެން އިޙްތިފާލު ކުރަނީ މޫސާގެފާނަށް ލިބިވަޑައިގެންނެވި ކާމިޔާބަށް ޝުކުރުވެރި ވުމުގެ ގޮތުންކަމުގައެވެ. އެ ހިނދުގައި ނަބިއްޔާ صلَّى اللهُ عليهِ وسلَّمَ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ، އަހަރުމެން މޫސާގެފާނަށް މާ އައުލާވެގެންވެއެވެ." (مسلم)

އެހެންކަމުން މުޙައްރަމް މަހުގެ މާތްކަމާއި މަތިވެރިކަން އިޙްތިފާލުކުރުން އެއީ އާދައިގެ ކަމަކަށްވުރެ މާ ބޮޑު، މާ މަތިވެރި ކަމެކެވެ. އަޅުގަނޑުމެން މުސްލިމުންނަށް އަނެއްކާ ވެސް ލިބޭ އަޅުކަމުގެ ފޯވައްސެކެވެ. ހެޔޮކަމަށް އެދޭ މީހުންނަށް ހުރި އުފާވެރި ޚަބަރެކެވެ. މި ހިނގާ މުޙައްރަމުމަހުގެ 10ވަނަ ދުވަސް ދިމާވަނީ އަންނަ ބުދަ ދުވަހާ ނޫންތޯއެވެ؟ އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި 10ވަނަ ދުވަހާ އެކު އޭގެ ކުރީ ދުވަސް ނުވަތަ އޭގެ ފަހު ދުވަސް ރޯދަހިފުން އެއީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.

އެހެން ކަމުން އެދުވަހުގައި ރޯދަ ހިފުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ ހުރިހާ ކިޔުން ތެރިންނަށް ނަސޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.