ނައިބް ރައީސް ފައިޞަލް، ހުނަރުވެރިޔާ ހުސެއިންއަށް ގުޅައި ހިތްވަރު ދެއްވައިފި

IMG_20210808_221452_654

ބައުވެ އުކާލެވޭ ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ތަފާތު މެޝިންތައް އުފައްދަމުން އަންނަ ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ.

މިކަމާއި ގުޅިގެން ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ހުސެއިން ބުނެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނައިބް ރައީސް ގުޅުއްވި ކަމަށެވެ.

ހުސެއިން އިތުރަށް ބުނެފައިވަނީ މިފަދަ ތަފާތު މެޝިންތައް އުފައްދުމުގެ ވިސްނުން ގެންގުޅެނީ މަސައްކަތުގައި ދިމާވާ ތަފާތު އުނދަގޫތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް މިއަދު ނައިބު ރައީސް ގުޅުއްވައި ހިތްވަރު ދެއްވުމުން އިތުރު މެޝިންތައް އުފައްދައި ތަރައްޤީ ކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ހުސެއިން ބުނެފައިވާ ގޮތުގައި ނައިބު ރައީސް ވަނީ އެހެން ކުދިންނަށް މިފަދަ މަސައްކަތް ދަސްކޮށްދިނުމުގެ ވިސްނުމެއް ގެންގުޅުމަށް އެދިލައްވާފައެވެ. ވުމާއެކު މިހާރު އެފަދަ ވިސްނުމެއް ވެސް ސިކުނޑީގައި ހަރުލާފައިވާ ކަމުގައި ހުސެއިން ވަނީ ބުނެފައެވެ.

ހުސެއިން އިތުރަށް ބުނެފައިވަނީ ނައިބު ރައީސް މިއަދު ގުޅުއްވާ ދެއްކެވި ވާހަކަ ފުޅުގައި ހަނިމާދޫއަށް ޒިޔާރަތް ކޮށްލުމަށް ލިބޭ ފުރުޞަތެއްގައި ހުސެއިންގެ މަސައްކަތް ބަލައިލުމަށް ޝަޢުޤުވެރިކަން އޮތްކަން ވެސް ވަނީ ފާހަފަ ކުރައްވާފައެވެ. ޤައުމުގެ މިފަދަ ބޭފުޅަކު ހުސެއިންގެ މަސައްކަތްފެނި ހިތްވަރު ދެއްވުމުން، ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމުގައި ހުސެއިން ވަނީ ބުނެފައެވެ.

https://thiladhun.wonstasite.com/69715

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ މި ޒުވާނާ ބައު ތަކެތި ބޭނުން ކޮށްގެން އުފައްދާފައިވާ ބައެއް މެޝިންތަކުގެ ތެރޭގައި، ވިނަކޮށާ މެޝިން، ބަރުސާމާނު އުފުލުމަށް ހަދާފައިވާ ހާއްސަ ވެހިކަލް، ހުނިގާނާ މެޝިން، ލިޔާ މެޝިން، ކީސްތިލަ ތޫނުކުރާ މެޝިން، ލަކުޑި ކީހާ މެޝިން ފަދަ އުފެއްދުންތައް ހިމެނެއެވެ.

ހުސެއިންއަކީ އަހުލާގު ރަނގަޅު ގިނަ މަސައްކަތްތަކެއް ވެސް ދަންނަ ނަމޫނާ ޒުވާނެކެވެ. އޭނާ ކޮށްއުޅޭ މަސައްކަތްތަކުގެ ތެރޭގައި ކާރު، ޕިކަޕް އަދި ސައިކަލް ފަދަ ތަކެއްޗަށް ދިމާވާ މައްސަލަ ހައްލުކުރުމާއި، ކަރަންޓް މަސައްކަތާއި، ވެލްޑިން ކުރުމުގެ އިތުރުން ވަޑާމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ނައިބު ރައީސް އަކީ ޒުވާނުންގެ މިފަދަ ކަންކަމަށް އަބަދުވެސް ހިތްވަރު ދެއްވާ، ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ކައިރިން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި