ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގެ މައުލޫމާތު އެނގޭ މީހުން ވެސް ހެކިބަސްދޭން ޖެހިލުންވާ ކަމަށާއި، އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

ރިލްވާންގެ މަރަށް 7 އަހަރު ފުރުމާ ދިމާކޮށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މައްސަލާގެ ތަހުގީގަށް ހުރަސްތަކެއް ހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ އެކަމުގެ މައުލޫމާތު އެނގޭ މީހުން ހެކިބަސްދޭން ޖެހިލުންވުން ކަމަށް ބަޔާނުގައިވެއެވެ. އެ ކޮމިޝަނުން ބުނީ ކޮމިޝަނަށް ދިމާވެފައިވާ ހުރަސްތަކަށް ހައްލު ހޯދާ، ހެކިބަސް ދިނުމަށް ޖެހިލުން ނުވާފަދަ މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ގެ ސަބަބުން، ޖިނާޢީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ދެކޭކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

މިކަމަށްޓަކައި، ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން ކުރަމުންދާ ކަމަށް ބުނެފައިވއެވެ. އަދި މި ޕްރޮގްރާމް ކުރިޔަށް މި ގެންދަނީ، ރާއްޖޭގެ އިޖުތިމާޢީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިޢާޔަތް ކުރެވި، ރާއްޖެފަދަ ޤައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ކުށްތަކުގައި ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ މިފަދަ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތުމުގެ މުހިއްމުކަން ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އެގޮތުން، މުޖުތަމަޢުގައި އުޅޭ ފަރާތްތަކުގެ ތެރެއިން މިފަދަ ކުށްތަކާ ގުޅޭ މަޢުލޫމާތު އެނގިތިބި ފަރާތްތަކަށް، ހެކިބަސް ދިނުމުގެ ބޭނުންތެރިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި އެ ދެވޭ ހެކިބަހުގެ ސަބަބުން ހެކިބަސްދޭ ފަރާތަށް ނުރައްކަލެއް ނެތްކަމުގެ އިހުސާސްކުރެވޭނެ މާޙައުލެއް ގާއިމު ކުރަންޖެހޭ ކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެ ނަތީޖާއަކަށްވާނީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މިފަދަ ކުށްތަކުގެ ޙަޤީޤަތް ހޯދުމަށް ފަސޭހަވެ، ކުށްވެރިންނަށް ކުށްކުރުމަށް ޖެހިލުންވެ، ކުށްކުރުން މުޖުތަމަޢުގައި މަދުކުރެވި، މިފަދަ ކުށްތައް ތަޙުޤީޤުކޮށް ޝަރީޢަތް ހިންގުމަށް ދައުލަތުން ކުރަމުން ގެންދާ ހޭދަ ކުޑަކުރެވި، އަމާން ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވިގެން ދިއުން ކަމަށެވެ.