ހއ.ތުރާކުނުގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ބޭނުން ކުރުމަށް ދަތިތައް ކުރިމަތިވާ މަގުތަކަށް ވެލި އެޅުމުގެ ހާއްސަ ޕްރޮގްރާމެއް އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 18 ޖުލައި 2021 ވީ އާދީއްތަ ދުވަހު ހެނދުނުއެވެ. މި ޕްރޮގްރާމަކީ ތުރާކުނު ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހުންނަ ސަރުކާރު މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ޖަމްޢިއްޔާތަކާއި އަދި ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ތުރާކުނު ކައުންސިލްގެ ރައީސް އަލީ ޢަބްދުއްލަތީފް ވިދާޅުވެފައިވަނީ ރަށަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންގަނޑު ބޮޑުވުމުގެ ސަބަބުން ސްކޫލަށްދާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އަދި މަގުތަކުގައި ފެންހެދި އެ ފެންގަނޑު ނުހިނދި ގިނަ ދުވަސްތަކެއް ވަންދެން އޮތުމުގެ ސަބަބުން މިސްކިތަށް ދުރުވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑެތި ތަކުލީފްތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.
އަލީ ޢަބްދުއްލަތީފް އިތުރަށް ވިދާޅުވެފައި ވަނީ ފެންހެދުމުގެ މައްސަލަ ދިމާވާ މަގުތަކުގެ ތެރެއިން ބޮޑުބަޔަކަށް މިއަދު ވެލިއަޅާ ނިންމާލެވިފައިވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ބާކީ އޮތްބަޔަށް ވެސް ވެލި އެޅުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ތުރާކުނު ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންނާއި ރަށުގައި ހުންނަ ސަރުކާރު މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ޖަމްޢިއްޔާއާއި ޒުވާނުންގެ އިތުރުން ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކޮށް އަލީ އަބްދުއްލަތީފް ވަނީ މި އެންމެހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ރަށަށް އުދައަރާ ރަށުގެ އުތުރުފަރާތު އަތިރިމަތި ވަރަށް ބޮޑަށް ހަޑިވެފައި ވުމުގެ ސަބަބުން އެ ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއް 25 ޖުލައި 2021 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ވުމާއިއެކު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން އަލީ އަބްދުއްލަތީފް ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!