ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ކޮލަމްބިއާ ހޯދައިފިއެވެ. ކޮލަމްބިއާ ތިންވަނަ ހޯދާފައި މިވަނީ ތިންވަނަ ޓީމް ކަށަވަރު ކުރުމަށް ރޭ ފަތިހު ކުޅުނު މެޗުގައި ޕެރޫގެ މައްޗަށް 3-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޕެރޫންނެވެ. މި ލަނޑު ފުރަތަނަ ހާފުގެ އެނެމެ ފަހު ވަގުތު ކުއޭވާ ބްރާވޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ މިޑްފީލްޑަރ ޔޮޝިމާ ޔޮޓޫންއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ޕެރޫ ކުރީގައި އޮވެގެންނެވެ.

Ad
rt

ކޮލަމްބިއާއިން މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ކުއަޑާޑޯއެވެ. އެ ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ވާގަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުއިސް ޑިއާޒްއެވެ. ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ޕެރޫއިން ލަނޑުޖަހައި އަނެއްކާ ވެސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ރަޒިއެލް ގާސިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލަޕަޑޫލާއެވެ. މި ނަތީޖާއާއިއެކު މެޗު އެއްވަރުވެގެން ނިމިދާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓުގެ އެންމެ ފަހު ވަގުތު ކޮލަމްބިއާގެ ލުއިސް ޑިއާޒް ލަނޑުޖަހައި ވަނީ އެ ޓީމަށް މުބާރާތުގެ ތިންވަނަ ކަށަވަރު ކޮށްދީފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިރޭ ފަތިހު 05:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި އާޖެންޓީނާއެވެ