ހއ. ފިއްލަދޫން އިތުރު 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 13 އަށް އަރައިފިއެވެ.
ފިއްލަދޫ ކައުންސިލުން މިއަދު ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެފައިވާ 8 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު މިމަހު 19 ވަނަ ދުވަހު ނެގުނު 47 ސާމްޕަލްގެ ނަތީޖާ މިއަދު 14:30 ގައި ލިބިފައިވާކަމަށެވެ. އޭގެތެރެއިން އިތުރު 4 ފަރާތެއް ކޯވިޑް ބައްޔައް ޕޮޒިޓިވް ވުމާއިއެކު، "ޖޫން 17 ފިއްލަދޫ ކްލާސްޓާ"އާއި ގުޅިގެން މިހާތަނަށް 13 މީހެއް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
މީގެއިތުރުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ނެގުނު 25 ސާމްޕަލެއް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ފޮނުވާފައި ކަމަށް ފިއްލަދޫ ކައުންސިލުން ވިދާޅުވިއެވެ.
މިއަދު އަލަށް ޕޮޒިޓިވްވި 4 ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް، އެ ރަށު ޓާސްކްފޯސް އާއި ހެލްތުސެންޓަރުގެ ފަރާތުން މިހާރު ކުރިއަށް ދާކަމަށާއި، ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތައް ތެދުމައުލޫމާތު ދިނުމާއި އެކު އެންމެހައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ކައުންސިލުން ވަނީ އެދިފައެވެ.
އެ ކައުންސިލުން ވަނީ މިހާލަތުގައި ބަލިންރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރަށު ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 އިން ފެށިގެން އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!