ބަލީގެ އަލާމާތް ހުރެގެން ހއ.ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު 72 ޑައިރެކްޓް ކޮންޓެކްޓް ފާހަގަ ކުރެވިފައިވާކަމުގައި ފިއްލަދޫ ކޯވިޑް ޓާސްކްފޯސްގެ ފަރާތުން ހާމަކޮށްފިއެވެ.

16 ޖޫން 2021 ވަނަ ދުވަހު ބަލީގެ އަލާމާތް ހުރެގެން ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލު ކުއްޖެއްގެ ނަތީޖާ މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ 17 ޖޫން 2021 ވަނަ ދުވަހުއެވެ. އެ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނީޓަރިންނަށް ވަނީ ލާފައެވެ.

Ad
rt

ފިއްލަދޫ ކޯވިޑް ޓާސްކް ފޯހުން ފޭސްބުކް ލައިވް މެދުވެރިކޮށް މިއަދު ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި، ފިއްލަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އަނަސް މޫސާ ވިދާޅުވި ގޮތުގައި، މިވަގުތު އެރަށުގެ 6 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު 72 ފަރާތުގެ ތެރެއިން 36 ފަރާތެއްގެ ސާމްޕަލްނަގައި މިހާރު ކުޅުދުއްފުށީ ލެބޯޓްރީއަށް ފޮނުވިފައެވެ. އެ ސާމްޕަލް ތަކުގެ ނަތީޖާ 18 ޖޫން 2021 (މިއަދު) ލިބިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފިއްލަދޫން ކޯވިޑް ބަލި ފެނުމާއި ގުޅިގެން އެރަށުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ލަފާގެމަތިން އެ ރަށުގައި ޖަމާއަތުގައި ނަމާދުކުރުން މިހާރު ވަނީ މެދު ކަނޑާލާފައެވެ. އަދި ސްކޫލުގެ އެންމެހާ ހަރަކާތްތައް މިވަގުތު ހުއްޓާލާފައިވާއިރު، އެ ރަށުގެ ފިހާރަ ހޮޓާ އަދި ރެސްޓޯރެންޓްތަކަށް ހަމަ އެކަނި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން ކުޅިވަރުކުޅޭ ހުރިހާތަނެއް މިހާރު ވަނީ ބަންދު ކޮށްފައެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ގެއިން ބޭރަށް ނުކުތުމަށް ކޮންމެ ގެއަކަށް ހާއްސަ ފާހެއް މިހާރު ދޫކޮށްފައިވާއިރު، އެ ރަށުގައި މިހާރު ހިންގަމުން އަންނަ ނަރުދަމާގެ މަސައްކަތާއި ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން ވިދާޅުވީ، ފްލޫ ކްލިނިކަށް ދެއްކި ކުއްޖާ ޕޮޒިޓިވްވިކަން އެނގުނު ހިސާބުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވި ކަމަށާއި، އެ ފިޔަވަޅުތައް ހެޔޮހޮތުން ބަލައިގަނެ، ފިއްލަދޫ ރައްޔިތުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަ ކުރަށްވާ ކަމަށެވެ.

މިގޮތުން ބަލިމަޑުކަމުގެ މި ހާލަތުގައި ފިއްލަދޫގެ މުއައްސަސާތަކާއި އަދި އެންމެހާ ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ފިއްލަދޫ ކޯވިޑް ޓާސްކްފޯސްގެ ފަރާތުން ވަނީ އެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މި މަބިލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ރައްޔިތުން ވެސް ހެދިފައިވާ އުސޫލުގެ ތެރެއިން ކެއްތެރިކަމާއި އެކު މަސައްކަތް ކުރުމަށް ވެސް އެފަރާތުން ވަނީ އެދިލައްވާފައެވެ.

ސާމްޕަލް ނުނެގިހުރި ފަރާތްތަކުގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.