ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކޮލަމްބިއާއާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު އިރު ބްރެޒިލް ކުޅުނު މެޗު އެ ޓީމުން ފަސޭހަކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.
ބްރާސްފަތި ދުވަހުގެ ރޭ ފަތިހު ކުޅުނު މި މެޗު ޕެރޫއާއި ވާދަކޮށް ބްރެޒިލް ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބުރެޒިލުން ކުޅެފައިވާއިރު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެލެކްސް ސަންޑްރޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ މި ނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 68 ވަނަ މިނެޓުގައު ފްރެޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ތަރި ނޭމާއެވެ. ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ރިޗާލިޝަން ތަނަވަސް ކޮސްދިން ފުރުޞަތެއްގައި ރިބެއިރޯ ކާމިޔާބު ކޮށްދިން އިރު ހަތަރު ވަނަ ލަނޑު 93 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރިޗާލިޝަންއެވެ.
މި ގްރޫޕުގައި ކޮލަމްބިއާއާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ކޮލަމްބިއާއިން ވަނީ ވެނެޒުއޭލާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ވެނެޒުއޭލާގެ ގޯލްކީޕަރ ވިލްކަރ ފަރިނޭޒްއެވެ.
ގްރޫޕް ބީގައި ފަސް ޓީމް ހިމެނޭއިރު މި ގްރޫޕްގެ އެއްވަނާގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއިއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއެވެ. ދެވަނާގައި ހަތަރު ޕޮއިންޓާއިއެކު ކޮލަމްބިއާ އޮތްއިރު ތިންވަނާގައި އެއް ޕޮއިންޓް ލިބިގެން އޮތީ ވެނެޒުއޭލާއެވެ. ޕޮއިންޓް ތާވަލުގެ އެންމެ ފަހަތުގައި އޮތީ އިކުއެޑޯ އަދި ޕެރޫއެވެ. އެ ދެ ޓީމަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ.
މި މުބާރާތުގެ ގްރޫޕް އޭގެ ދެމެޗު މިރޭ އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗިލީއާއި ބޮލީވިއާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 02:00 ގައެވެ. ދެވަނަ މެޗު 05:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާއާއި އުރުގުއޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!