ކޯވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހދ. ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް "ތިލަދުން"އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭނެގި 31 ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

Ad
rt

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެތަނުން އެކަކީ ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރެކެވެ.

އެކޭހާއި ގުޅިގެން އެދުވަހު ނެގި 32 ސާމްޕަލުން އިތުރު 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ މިއަދު ހަވީރެވެ. މިއަދު ޕޮޒިޓިވްވީ ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑަކްޓަރަކާއި، އެރަށުގެ ބޯކަށާ ތަނެއްގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އިތުރުން 9 ވަނަ ދުވަހު ޕޮޒިޓިވްވި ދެބެންގެ ތިމާގެ ކުއްޖެކެވެ. އެއީ ވެސް ހަނިމާދޫ ސްކޫލް ދަރިވަރެކެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑަކްޓަރު ޕޮޒިޓިވްވީ ނެގި ރެންޑަމް ސާމްޕަލަކުންނެވެ. ޑަކްޓަރުގެ އިތުރުން އެމަރުކަޒުގެ އިތުރު 5 މުވައްޒަފެއްގެ ރެންޑަމް ސާމްޕަލް ވެސް ނެގިއެވެ. އެ ސާމްޕަލް ތައް ވަނީ ނެގެޓިވްވެފައެވެ.

ހަނިމާދޫން އިތުރު ތިން މީހެއް ޕޮޒިޓިވްވުމުން މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވުމުން ހަމަ އެ ދުވަހު ހަވީރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.