ހދ. ކުރިނބީ ބޮޑު ރަނިކަ ގަހަކީ އެތައްޒަމާނެއް ވަންދެން އެރަށުގައި، އެންމެ ބޮޑުގަހުގެ ގޮތުގައި، ގަސްކަރަ މަތިން ގުއްބެއް ގޮތަށް އުސްކޮށް ފެންނަން ހުރި ވަރަށް ބޮޑު ބިޔަ ގަހެކެވެ. ބުނެވޭ ގޮތުގައި މިގަހަކީ އެ އަތޮޅުގެ ރަށްރަށުގެ މަލަމަތިން ފެންނަ ގަސްތަކުގެ ތެރެއިންވެސް އެންމެ އުސްކޮށް ފެންނަން ހުންނަ އެއްގަހެވެ. އެގަހަށް ކުރިނބީ ބޮޑު ރަނިކަގަހޭ ކިޔެނީ ގަހުގެ ބޮޑުކަމުންނާއި ރަށުގެ މަލަމަތިން ރަށުގެ ހައިބަތު ދައްކުވައިދިން ގަހަކަށް ވީތީއެވެ.

100 ފޫޓަށް ވުރެ ދިގު މިގަހަކީ 300 އަހަރުވެފައިވާ ގަހެކަމަށް ބުނެވެއެވެ. ގާތްގަނޑަކަށް ރަށުގެ މެދުގައި ހުރި މިގަސް ބޮޑު ސަރަހައްދަކަށް ފެތުރުފައިވެއެވެ. ގަސް ދަށުގައި ހުރެފައި ބަލާލުމުން ބޮޑު ތިން ގަހުގެ ގޮތުގައި ފެނުނު ނަމަވެސް އެއީ ހަމަ އެއްގަހެވެ. ދޫނި ސޫފާ ސޫފީގެ ހާއްޔެއް ގޮތުގައި ހުރި މިގަސް އެތައް ޒަމާނެއް ވަންދެން ރަށުގެ ވަލުގައި ހުރިނަމަވެސް 1980 ގެ ކުރީކޮޅު ކުރިނބީގެ ރަސްމީ ބޯޅަ ދަނޑު ދެކުނު ފަރާތުގައި ކޮށުމުން، ބޯޅަ ދަނޑަށް ދާ މަގު ހެދިގެން ދިޔައީ މި ބޮޑު ގަސް ހިމެނޭ ސަރަހައްދު ތެރޭން ލާފައެވެ.

Ad
rt

ދިވެހިންނަކީ މިފަދަ ބޮޑެތި ގަސްތަކުގެ ބޭނުން ތަފާތު ގޮތްތަކަށް ހިފަމުންދިޔަ ބައެވެ. ޒަމާނާއި ހާލަތާއި އެއްގޮތަށް ގަސްގަހާ ގެހީގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަމުން ދިޔައެވެ. އެ ގޮތުން ދަތުރު ފަތުރު ކުރުމުގައި މިގަހުގެ ބޭނުންކުރީ ދުރުން ރަށް ފާހަގަ ކުރުމަށެވެ. އަތޮޅުގެ މެދުގައި އޮންނަ ކުރިނބި މަތިން ބޮޑު ގަސް ފާހަގަ ކުރަން އެނގުމުން މި ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް، ތިލަތުންމަތީގެ އެހެން ރަށްތައް ފަސޭހަ ކަމާއެކު ފާހަގަކުރަން އެނގެއެވެ. ހަމައެގޮތަށް އަތޮޅުގެ ތެރޭގައި އޮންނަ މަސްބާނާ ތިލަތައް ފާހަގަކުރުމަށް ވަށައިގެންވާ ރަށްރަށާއި އެރަށް ރަށުގެ ފާހަގަ ކުރެވޭ ރުއްގަސް ބޭނުން ކުރާ ބީދައިން ކުރިނބީ ބޮޑު ރަނިކަގަހުގެ ބޭނުންވެސް ހިފިލެއް މަދެންނޫނެވެ.

"އެންމެ ފުރަތަމަ މާލޭން އެގްރިކަލްޗަރުން ޗިޓެއް ހައްދައި 10 ރުފިޔާގެ އިސްޓޭމްޕެއް ޖަހައި، އޭގެ ފަހުން އަތޮޅު އޮފީހަށްގޮސް، އަތޮޅުވެރިޔާގެ ސޮއިކޮށް، ރަށަށް އައިސް ރަށު އޮފީހަށް ގޮސް، ރަށު އޮފީހުގެ ބެލުމުގެ ދަށުން ގަހުން ލަކުޑި ކެނޑެނީ! މީ އެހާ ފަސޭހަ ކަމެއްނޫން، ކޮންމެ މީހަކު ކުރަން!"

ފުރަ ބަންޑާރަ ލަކުޑީގެ ގޮތުގައި ހިމެނޭ މިގަހުގެ ލަކުޑި ކެނޑުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެގަހުން ފަރުމާނެއް ކެނޑުމަށް ހުއްދަ ހޯދިގޮތް ކިޔައިދެމުން ޢަބްދުﷲ އުޘްމާން، ބަނަފްސާގެ ކިޔައިދިނެވެ.

އާންމު ބޭނުންތަކަށް ގަހުގެ ލަކުޑި ބޭނުން ނުކުރި ނަމަވެސް، އޮޑި ދޯނިފަހަރުގެ ފަރުމާން ހެދުމަށް ކުރިނބީ ބޮޑުރަނިކަ ގަހުން އަޅޯ ކެނޑިކަމަށް ދުވަސްމީ މީހުން ބުނެއެވެ. އެދުވަސް ވަރު، އެ ސަރަހައްދަކީ އާންމުކޮށް މީހުން ގޮސް އުޅޭ ސަރަހައްދެން ނޫންކަމަށް ވެއެވެ. އަދި ވަލުތެރޭގައި ހުންނަ އެފަދަ ބިޔަ ގަހަކަށް އެރުމަކީ ވަރަށް ކެރޭ ބިރު ނުގަންނަ މީހަކަށް ކުރަން ކެރޭނެ ކަމެކެވެ.

މިގަސް ރަމްޒުކޮށްދޭ ގޮތައް ކުރިނބީގައި ހަދާފައިވާ މޮނިއުމެންޓް އެއް

އެންމެ ފުރަތަމަ އެގަހަށް އެރިކަމަށް ބުނަނީ މީގެ 45 ވަރަކަށް އަހަރު ކުރިން ކުރިނބީގައި މާލެ ދަތުރުކުރުމަށް ބޭނުންކުރި ހާޖީގޭ ސީލު ދޯނީގެ ފަރުމާނެއް ކެނޑުމަށެވެ. ގަހަށް ފުރަތަމަ އެރިކަމަށް ބުނަނީ ހާޒީގޭ ޢަބްދުﷲ އުޘްމާން އާއި އާފަލުގޭ އާދަމް ޢަލީ އެވެ. ގަހުގެ އަޅޯތަކުގައި އެލެމުން އަރާ ކައްޕި ޖަހައި، ވާއަޅައި އަށިގަނޑެއް ހަދައިގެން ބޮޑުކީހުން ދެމީހުން ދެކޮޅުގައި ތިބެގެން ކީހަމުން ތިރިއަށް ފޭބީ ވީނަސްވިލާ، ޚާލިދު މުޙައްމަދުގެ އިރުޝާދާއެކު ކަމަށް ގަހަށް އެރި ޢަބްދުﷲ އުޘްމާން ކިޔައިދިނެވެ. އޭގެ ފަހުން ބައެއް އެހެން މީސްމީހުންވެސް ބޮޑު ރަނިކަ ގަހަށް އެރިކަމަށް ވެއެވެ. ކޮންމެއަކަސް އެފަދަ ޒަމަނެއްގައި ލިބެންހުންނަ މަދު ވަސީލަތުގެ ބޭނުން ހިފައި ބުރަ މަސައްކަތުން ކަންކަން ހާޞިލު ކުރުމަކީ ރަށްފުށު ދިވެހިންގެ ކެރުންތެރިކަމެވެ.

ބޮޑު ރަނިކަގަސް ހުރި ސަރަހައްދަކީ ކުރިނބީގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެކެވެ. މިގަސް ފަޅާފައިވަނީ މީގެ 3 ވަރަކަށް ގަރުނު ކުރިން ކުރިނބީގައި ކަތީބުކަން ކުރި މަސްހޫރު ދޮންއީސާ ކަލޭފާނު (ކުރިނބީ ރީތި ކަތީބު) ބިނާކުރި މާމިސްކިތުގެ ތެރެއިންނެވެ. އެ މިސްކިތުގެ ގާފޮޅު މިއަދުވެސް ފެންނަން އެބަހުއްޓެވެ. ބަނޑޭރި ބޭކަލުންގެ އަމުރަށް ދޮންއީސާ ކަލޭފާނު މާލެ ފުރައިގެން ދިޔަފަހުން ރަށުން މީހުން މަރުވާން ފެށިކަމަށް ތާރީޚްގައި ލިޔެފައި ވެއެވެ. އަދި އޭގެ ފަހުން ކުރިނބި ފަޅުވި ކަމަށްވެސް ބުނެވެއެވެ. އޭގެ ފަހުން މިސްކިތް ވީރާނާ ވުމުން، މިސްކިތުގެ ތެރެއިން ރަނިކަގަސް ފެޅީކަމަށް ބެލެވެއެވެ. މި ސަރަހައްދަކީ ކުރިނބީގެ މިހާރުގެ ހުކުރު މިސްކިތުގެ އުތުރުގައި އޮންނަ ހުސް ސަރަހައްދެކެވެ. ކުރިނބީގެ ބައެއް މީހުން ބުނާ ގޮތުންނަމަ "ދޮން ޢީސާ މައިދާން" އެވެ.

ކުރިނބީ ބޮޑު ރަނިކަގަސް ދެތިން ގަރުނު ރަށުގެ ޝަރަފެއްގެ ގޮތުގައި ފެންނަން ހުރިނަމަވެސް، މީގެ 11 އަހަރު ކުރިން 11 ޖޫން 2010 ވީ ހުކުރު ދުވަހުގެ މެންދުރު ފަހު ވަނީ ވެއްޓިފައެވެ. އެގަހާއި ގަސް ހުރި ސަރަހައްދު ހިމާޔަތް ކޮއްފައި ހުރިނަމަވެސް، ގޯތި ދޫކޮށް ވަށައިގެންވާ ރުއްގަސް ކެނޑުމުން ގަހަށް ކުރިން ލިބެމުންދިޔަ ހިމާޔަތާއި ރައްކާތެރިކަން ގެއްލިގެން ދިޔައީއެވެ. ބޮޑު ރަނިކަގަސް ވެއްޓުނު ދުވަހަކީ ކުރިނބީ ތާރީޚްގައި ފާހަގަ ކުރެވުނު ދުވަހެއްގެ އިތުރުން، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ފެށުނު ދުވަހެވެ. ރަށުގެ ތާރީޚާއިގުޅޭ މިފަދަ ކަންކަން ލިޔެ ރައްކާކުރުމަކީ ބޭނުންތެރި މަސައްކަތެކެވެ. އަންނަން އޮތް ޖީލުތަކަށް ރަށުގެ މުހިއްމު ބިނާތަކާއި ތާރީޚީ ތަންތަނާއި ތަކެތީގެ މައުލޫމާތު އަރުސީފު ކުރުމަކީ ނުހަނު ބޭނުންތެރި މަސައްކަތެކެވެ.

ލިޔުނީ: އަމާޒް ލަޠީފް، ހދ. ކުރިނބި