ހދ. ނައިވާދޫ ކައުންސިލުން ނިންމާނިންމުންތައް ވަކިން ލިޔެލުމަށްފަހު ހުރިހާ މެމްބަރުންގެ ސޮއިއާއިއެކު ވޯޓްލީގޮތް ނުހިމަނާ އާންމުކުރަން އެ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 27 މެއި 2021 ގައި ބޭއްވި އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މިނިންމުން މިގޮތައް ނިންމާފައިވަނީ ކީއްވެތޯ "ތިލަދުން" ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުޙައްމަދު ވިދާޅުވެފައިވަނީ ކައުންސިލުގެ މަޤުޞަދަކީ ކައުންސިލުން ނިންމާ ނިންމުންތަކުގެ މަޢުލޫމާތު ވީހާވެސް ކުރުކޮށް ރައްޔިތުންނަށް އޮޅުންފިލާނޭހެން ހާމަކުރުން ކަމަށެވެ. އަދި ކައުންސިލުން ނިންމާނިންމުންތަކާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ހޯދަން ބޭނުންފުޅުވާ ކޮންމެ ފަރާތަކަށް އެއްވެސް ހުރަހެއްނެތި އެ މަޢުލޫމާތު ލިބިލައްވާނެ ކަމަށެވެ. އެކަމުގައި ރައްޔިތުންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އަލީ ރަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މި ޖަލްސާގައި ނައިވާދޫއާއި ގުޅުންހުރި މުހިންމު ނިންމުންތަކެއް ކައުންސިލުން ވަނީ ނިންމާފައެވެ. އެ ނިންމުންތަކުގެ ތެރޭގައި އެ ރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އަދި އެ ރަށުގައި ކުރިން ފިރިހެނުން ނަމާދުކުރުމަށް ބޭނުންކުރި މަސްޖިދުލް ސަލާމްގެ، ދެބައިކޮށްފައި އެއްބައި ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިން އަންހެނުން ނަމާދު ކުރުމަށް ބޭނުންކުރި އަންހެނުންގެ ނަމާދުގެ ވެސް ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން އެ ރަށުގައި ހުރި ޒުވާނުންގެ މަރުކަޒު މިހާރު ހުރިގޮތަށް ބަހައްޓައި އެތަން ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަކަށް ހެދުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ބަނދަރަށް ފެންހޮޅިއެއް ލުމާއި ގުޅޭގޮތުން އެ ޖަލްސާގައި ނިންމާފައިވަނީ ވޯޓާސަޕްލައި ފެން ހޮޅިއެއް ބަނދަރަށް ލުމަށްފަހު ބަނދަރުގައި ފެން ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!