ރާއްޖޭގައި ކޮންސިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަންވާނީ ދިވެހި ދައުލަތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެ ގައުުމުގެ ކެބިނެޓްގެ ބައްދަލުވުމެއްގައި ވަނީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން ނިންމާފަ އެވެ.
އެ ނިންމުމާއިގުޅިގެން ގިނަ ބަޔަކު ޚިޔާލް ފާޅުކުރަމުންދާ މިދަނޑިވަޅުގައި މެންބަރު ޢަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޮންގޯލް މީހުން ސެލްޖުކް ދައުލަތް ހިންގިގޮތަށް ބޭރު ގައުމަކުން ދިވެހި ދައުލަތުގެ ކަންތައްރައް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ކޮންސިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަންވާނީ ދިވެހި ދައުލަތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންޒިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަންވާނީ ދިވެހި ދައުލަތުން. މޮންގޯލް މީހުން ސެލްޖުކް ދައަުލަތް ހިންގިގޮތަށް ބޭރު ގައުމަކުން ދިވެހި ދައުލަތުގެ ކަންތައްރައް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ.
— Ali Hussain (@AleeVoice) May 29, 2021
އެ ނިންމުމާއި މެދު ކުރީގެ އޮޑީޓާ ޖެނެރަލް ނިޔާޒް އިބްރާޙީމް ވެސް މިއަދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
އޭނާ ވަނީ ބޭރު ގައުމެއްގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ގާއިމުކުރުމުން އެފަދަ އިދާރާއެއް ގާއިމުކުރެވޭ ގައުމެއް ނުވަތަ ސަހަރެއް ތަރައްގީވާ ގޮތް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮންސިއުލޭޓެއް ގާއިމުކޮށްގެން ތަރައްގީވި ގައުމެއް ނުވަތަ ސަހަރެއް ކޮބައިތޯ ވަނީ އޭނާ ވަނީ ސުވާލު ކުރަށްވާފައެވެ.
Beyru qaumehge embassy eh nuvatha consulate ehgge sababun efadha idhaaraaeh qaaimkurevey qaumeh nuvatha shahareh tharaqqee vaagoiy mi nikamethi sikundiakah vuvisnigen miulhenee. Consulate qaaimkoggen tharaqqeevi quamu nuvatha shaharakee kobaitho?
— Niyaz Ibrahim (@niyaz_ibrahim) May 29, 2021
އައްޑޫ ސިޓީގައި އިންޑިއާ ކޮންސިލއުލޭޓެއް ގާއިމުކުރުމަށް ތާއީދުކުރަށްވާ އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. މިގޮތުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުން ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިމަހުގެ 25 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ. އަދި އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!