އިންޓަނެޓްގެ އަގަށް ގެންނަން ނިންމި ހެޔޮ ބަދަލުގެ މައުލޫމާތު ސަރުކާރުން އާންމުކޮށްފިއެވެ.

"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން ގެނެސްދިން މި ބަދަލުތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި އޮންލައިން ރަސްމިއްޔާތެއްގަ އެވެ.

Ad
rt

މިގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު މިބަދަލުތައް ގެންނަން ނިންމާފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން ޖުލައި މަހު، އަގުތައް 28-30 ޕަސެންޓަށް ދަށް ކުރާނެއެވެ. އަދި ޖުލައި މަހުން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭގޮތަށް ހަމަޖައްސާފައިވާއިރު، އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓަލް ސްޕީޑްް ބަހައްޓަން ޖެހެނީ ދަށްވެގެން 2 އެމްބީޕީއެސް ގައިކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ދެ ވަނަ މަރުހަލާގައި މިއަހަރުގެ އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ.

ގެންނަން ނިންމި ބަދަލުތައް
250ރ. އަށް 30 ޖީބީ: 5 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް)
500ރ. އަށް 100 ޖީބީ: 15 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)
700ރ. އަށް 200 ޖީބީ: 25 އެމްބީޕީއެސް ސްޕީޑްގައި (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)

އިންޓަނެޓުގެ އަގަށާއި ސްޕީޑަށް ގެނައި ބަދަލާ އެކު އާދައިގެ މިންވަރަކަށް އިންޓަނެޓު ބޭނުން ކުރާ ފަރާތްތަކަށާއި ސްކޫލު ކުދިންގެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން ބޭނުންތަކަށް، އަދި އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ފައިދާ ލިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި ތްރޮޓްލް ސްޕީޑަށް ގެނައި ބަދަލާއެކު. ޕެކޭޖު ހުސްވެ، ތްރޮޓްލް ވުމުންވެސް އާންމު ބޭނުންތަކަށް އެކަށޭނަ ވަރަކަށް ސްޕީޑު އަވަސްވާނެ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ 300 ރުފިޔާ އިން މަތީގެ ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރުމަށެވެ.

"އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރި މަސައްކަތުގައި އެނގުނީ އަގާއެކު ސްޕީޑް. މިކަންކަމުގެ ހާލަތު އެބަ އެނގޭ. ޖީމެއިލްވެސް ހުޅުވާ ނުލެވޭ. ފެމެލީ ވައިބަ ގްރޫޕަށްލާ ފޮޓޯތައް އަޅުގަނޑުމެންނަށް ޑައުންލޯޑް ނުކުރެވުން. ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމަށް ވެސް މިއަދު ނެޓަށް ބަރޯސާވޭ،"

އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވި އެވެ.

މި ބަދަލާއެކު މޮބައިލް އިންޓަނެޓުގެ އަގު ވެސް ހެޔޮ ވެގެންދާނެ އެވެ. ޕްރިޕެއިޑް އާއި ޕޯސްޓްޕެއިޑް ޑޭޓާ އެލަވަންސް އަދި މޮބައިލް ބްރޯޑްބޭންޑުގެ އެލަވަންސް 20 ޕަސެންޓާ ހަމައަށް އިތުރު ވެގެންދާނެ އެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓުގެ ޚިދުމަތަށް ހެޔޮ ބަދަލެއް ގެނެސްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.