ވިލާ ފައުންޑޭޝަންގެ ބާނީ ގާސިމް އިބްރާޙީމް އެމަނިކުފާނުގެ ވިލާ ފައުންޑޭޝަންގެ ހިޔަލުގައި ތައުލީމާއި، ތަމްރީނު ހޯއްދެވި ސިއްހީ ޚިދުމަތްތެރީން އުނގެނުމަށް އެ ފައުންޑޭޝަނުން ދީފައިވާ ލޯނުތަކުގެ ތެރެއިން މިއަދާއި ހަމައަށް ނުދައްކާ ހުރި ހުރިހާ ލޯނެއް މާފުކޮށްދެއްވައިފިއެވެ.

އެކަން ހާމަކުރެއްވީ، ވިލާ ގްރޫޕްގެ ޗެއާމަންގެ ގޮތުގައި ވެސް ހުންނެވި ގާސިމް އިބްރާހީމް މިއަދު އާންމު ކުރެއްވި ބަޔާނެއްގަ އެވެ.

Ad
rt

އެ ބަޔާނުގައިި ގާސިމް ވިދާޅުވެފައި ވަނީ، ވިލާ ފައުންޑޭޝަންގެ ސްކޮލާޝިޕްސްކީމްގެ ދަށުން އަދި އެ ނޫން ގޮތަކުން ގާސިމްގެ ފަރާތްޕުޅުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީ ދާއިރާއިން ކިޔެވުމަށް ފުރުސަތު ލިބުނު ލިބި މެޑިސިން، ނާސިން އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓަރީ ޓެކްނީޝަނުންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި އިންސާނިއްޔަތަށް މަސައްކަތް ކުރަމުންދާ ބޭފުޅުންގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނައް ނުވަތަ އެމަނިކުފާނަށް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާއެއް މިއަދުންފެށިގެން މާފުކޮށްދެއްވާ ކަމަށެވެ.

"އެއީ ކިތަންމެ ބޮޑު ޢަދަދެއްގެ ފައިސާ ކަމައްވިޔަސް އަދި ކުޑަ އަދަދެއް ކަމައް ވިޔަސްމެއެވެ." އެ ބަޔާނުގައި ގާސިމް ވިދާޅުވެފަ ވެއެވެ.

"ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން މި ފައުންޑޭޝަނާއި ވިލާ ކުންފުންނަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ކަމުގައިވިޔަސް، މި ދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މި ދިވެހި ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުން އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންވުމާއި އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ މި ނުރައްކާތެރި އެހެނަސް މަތިވެރި މި ހިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަސްވަރަކަށްވާތީ މި ފައުންޑޭޝަނުން އަޅުގަނޑު ނިންމީ އިސްވެ ދެންނެވުމުގެ ގޮތަށް ހަމަޖައްސައި އެކަން ތިޔަ އެންމެހާ ބޭފުޅުނަށް ދަންނަވަމެވެ،"

އެ ބަޔާނުގައި ގާސިމް އިތުރަށް ވިދާޅުވެފަ ވެއެވެ.

އެ ބަޔާނުގައި ގާސިމް ވަނީ ކޯވިޑްގެ ދިގު ދެމިގެންދާ މި ނުރައްކާތެރި ހާލަތުގައި ސިއްހީ ޚިދުމަތްތެރީން ވަމުންދާ މަތިވެރި ގުރުބާނީ ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފަ އެވެ.

"ތިޔަހުރިހައި ބޭފުޅުން މިނާޒުކު ދަނޑިވަޅުގައި ދިވެހިޤައުމަށް ޚިދްމަތްކޮށްދެއްވުމުގައި އިހުނަށްވުރެ ބޮޑަށް ސާބިތުވެ ތިއްބަވާނެކަން އެއްވެސް ޝައްކެއްނެތި އަޅުގަނޑު ހިތުގެއަޑިން ޔަޤީން ކުރަމެވެ. ސަރުކާރާ ތިޔަބޭފުޅުންނާ ސިވިލްސާވަންޓުންނާ ސަލާމަތީ ޚިދްމަތްތަކުގެ މުއައްޒިފުންނާ ވިޔަފާރިވެރިންނާ އަދި ދިވެހި ޢާއްމު ފަރުދުން ކޮށްދެއްވަމުންގެންދަވާ ބުރަމަސައްކަތައް ފާހަގަކޮށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނިހާޔަތަށް
ޝުކުރުދަންނަވަމެވެ."

ގާސިމް ވިދާޅުވެފަ ވެއެވެ.

ގާސިމް ވިދާޅުވީ، މިއަދަކީ މަދަދުވެރިވެ ކެތްތެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ދުވަސް ކަމަށެވެ.

ގާސިމްގެ ވިލާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ސިއްހީ ދާއިރާއިން ތައުލީމާއި، ތަމްރީނު ހޯއްދެވި ސިއްހީ ޚިދުމަތްތެރީން އުނގެނުމަށް އެ ފައުންޑޭޝަނުން ދީފައިވާ ލޯނުތަކުގެ ތެރެއިން މިއަދާއި ހަމައަށް ނުދައްކާ ހުރި ހުރިހާ ލޯނެއް މާފުކޮށްދެއްވިއިރު، ވިލާ ފައުންޑޭޝަނަކީ އެންމެ ފުޅާދާއިރާއެއްގައި އެކި ރޮނގުތަކުން ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ފައުންޑޭޝަނެވެ.