ހއ. ވަށަފަރު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ވަށަފަރުން މިނޫހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، އެރަށު ގެއެއްގައި ހޯމް ކަރަންޓީނު ތިބި ދެ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ރޭ ވިދާޅުވެފައިވާ ކަމަށެވެ.
އެ ދެމީހުންނާއި ކޮންޓެކްޓް ވެފައިވާ އެއްވެސް މީހަކު ވާނަމަ ލަސް ނުކުރަށްވާ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެރަށު ސިއްހީ މަރުކަޒުން އެދިލައްވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެއިތުރުން އެ އަތޮޅު މުރައިދޫން އިތުރު 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން މެއި 18 ވަނަ ދުވަހު އެރަށުން ފެނުނު ޕޮޒިޓިވް ކޭހާއި ގުޅިގެން މިހާތަނަށް 26 މީހެއް އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ.
މެއި 18 ވަނަ ދުވަހުން ފެށިގެން މުރައިދޫ މޮނިޓަރިންގައި އޮތްއިރު އެރަށުގެ 25 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!