ފުރަބަންދަކަށް ނުގޮސް، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

Ad
rt

"ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި މިހާރު ވެސް ވަނީ ކާފިއު ހިންގައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ފާލުން ނެއްޓިފަ ވާއިރު، މިހާތަނަށް ރާއްޖޭގެ 54،365 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. އަދި މިވަގުތު ރާއްޖޭގައި މިބަލިން ރަނގަޅު ނުވެ 22،421 މީހުން އެބަތިއްބެވެ.

މިބަލީގެ ސަބަބުން މިވަގުތު 294 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ޖުމްލަ 125 މީހަކު މިހާތަނަށް މި ބަލީގައި ނިޔާވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި މަހު އެކަނިވެސް 52 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.