އިޒްރޭލްގެ ރަޙްމެއްނެތް އުދުވާނުގެ ވޭން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް ހދ. ނޮޅިވަރަންފަރުގައި ފަށައިފިއެވެ.

މި ހަރަކާތަކީ ނޮޅިވަރަންފަރު ޒުވާނުން އިސްނަގައިގެން، އެރަށުގެ ކައުންސިލާއި ގުޅިގެން އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ)ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

މި ހަރަކާތް މިއަދު އެރަށުގައި ފެށީ ނޮޅިވަރަންފަރު ރައްޔިތުން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހިނގާލުމަކާއެކުގައެވެ. މި ހިނގާލުމުގައި އެރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް "ތިލަދުން"އަށް ވިދާޅުވީ ފަަލަސްތީން ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތް މިއަދު އެރަށުގައި ފަށާފައިވާ ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް މިއަދު މިފެށީ ރައްޔިތުންގެ ހިނގާލުމަކުން، މިއަދުންފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މިރަށުގެ ފިހާރަތަކުގައި ފަންޑް ފޮށިތައް ބެހެއްޓިފައި ހުންނާނެ، މިއީ މިރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް" ނަދީމް ވިދާޅުވިއެވެ.

ފަލަސްތީނާއެކު ތިބިކަން ހާމަކޮށް، އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް ނޮޅިވަރަންފަރުގައި މިއަދު ފެށިއިރު ރާއްޖޭގެ އެެކި ކަންކަޅޮތަކުގައި ދަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ތިލަދުންމަތީގެ ބައެއް އިތުރު ރަށްރަށުގައި މިއަދާއި އިއްޔެވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.