މެދު ކެނޑުމެއްނެތި ހައްދުފަހަނައެޅި އިޒްރޭލުން ޣައްޒާއަށް ދިން ރޮކެޓާއި މިސައިލުގެ ގަދަފަދަ ޙަމަލާގެ ސަބަބުން އާންމު ދިރިއުޅުމުގައި ބޭނުންވާ އަސާސީއެތައް ޚިދުމަތްތަކަކުން މަޙްރޫމުވެ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

އެގޮތުން ޣައްޒާގެ ކަރަންޓް ނަރުތައް ބުރިބުރިވެ، ބިމު އަޑީގައިވާ ފެން ހޮޅިތަކާއި ނަރުދަމާހޮޅިތައް ފަޅައިގެންގޮސް ހޮޅިތަކުންވަނީ ނަޖިސް ލީކުވާންފަށާފައެވެ.

Ad
rt

މީގެ އިތުރުން 10 ކަރަންޓް ލައިންގެ ތެރެއިން 6 ކަރަންޓްލައިންއެއްވަނީ ބޭނުންނުކުރެވޭ ވަރު ވެފައެވެ.

ޣައްޒާއަށް ކަރަންޓް ފޯރުކޮށްދޭ ކުންފުނީގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި ހަލާކުވެފައިވާ ކަރަންޓްލައިންތަކުގެ ސަބަބުން މިހާރު ކަރަންޓް ސަޕްލައި ކޮށްދެވޭ މިންވަރު ދެބައިކުޅަ އެއްބަޔަށްވުރެ ދަށްވެފައިވާކަމަށެވެ.

”ބޯޑަރާއި ކައިރި ސަރަޙައްދުތަކުގައި މިހާރު އެއްވެސް ވަރަކަށް ކަރަންޓެއް ނެތް“

އޭނާ ވިދާޅުވިއެވެ.

ހަލާކުވެފައިވާ މި ކަރަންޓްލައިން ތައް މަރާމާތުކުރުމަށްވެސް މިވަނީ މި ޙަމަލާތަކުގެ ސަބަބުން ހުރަސްއެޅިގެން ގޮސްފައެވެ.

އ.ދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއަރސް (އޯ.ސީ.އެޗް. އޭ) އިން ހާމަކޮށްފައިވާގޮތުގައި އިޒްރޭލުން ފަށާފައިވާ މިގަދަފަދަ ބޮމުގެ ޙަމަލާތަކުގެ ސަބަބުން ބައިނަލް އަޤްވާމީ އެހީދޭ ފަރާތްތަކަށާއި ތެޔޮ ފޯރުކޮށްދޭ ވެހިކަލްތަކަށް ޣައްޒާގެ ސަރަޙައްދަށް ނުވަދެވޭ ގޮތްވަނީ ވެފައެވެ.

މީގެ އިތުރުން އޯ.ސީ.އެޗް. އޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަންނަ އާދީއްތައާއި ހަަމައަށް ޣައްޒާއިން ގުދަންކުރެވިފައިވާ ކާނާ މުޅިން ހުސްވާނެކަމަށްބެލެވެއެވެ. އަނެއްކޮޅުން ފަލަސްޠީނުގެ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާގޮތުގައި ޣައްޒާގެ ބޭރުން ޑެލިވަރީތައް ނުލިބޭނަމަ ގެރިބަކަރި ފަދަ މަސްކާން ގެންގުޅޭ ނަޢަމްސޫފިތައް ވެސް ހުސްވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

އިޒްރޭލުންވަނީ ޣައްޒާގެ ބަނދަރުން މަސްބޭނުމަށްވެސް ހުރަސްއަޅާފައެވެ. އަދި ދަނޑުބިންތަކަށްވެސްވަނީ ބޮމުގެ ހަމަލާ ދީފައެވެ.

އިޒްރާއިލާއި މިޞްރުން ބަންދުކޮށްފައިވާ ޣައްޒާގައި 2 މިލިއަންވަރަކަށް މީހުން ދިރިއުޅޭއިރު ފަލަސްތީނުގެ 230 އަށްވުރެ ގިނަ މީހުން މިހަމަލާތަކުގެ ސަބަބުންވަނީ ޝަހީދުވެފަ އެވެ. އަދި ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތަކެއް ޢާއިލާތައް ވަނީ ތާށިވެފައިވެއެވެ.