ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން!

Iyan

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުން އުޅެމުން އަންނަ ރަށެކެވެ. އެ ހުނަރު އަތޮޅު ފެންވަރުގައި ބޭއްވޭ ގިނަ މުބާރާތްތަކުން ފެނިގެން ދެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއިހުރެ ރާއްޖޭގެ އެންމެ މަތީފަންތީގައި އެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވަނީ ނިސްބަތުން މަދު ކުޅުންތެރިއަކަށެވެ.

މިހާރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލް ބަލަހައްޓަމުން އަންނަ ހދ. ނޮޅިވަރަމަށް އުފަން އިޔާން އަބްދުލް އަލީމް (ޗިކީ) އަކީ ފުޓްބޯޅައިގައި ރާއްޖޭގެ މަތީ ފަންތީގައި ހުނަރު ދައްކާލުމުގެ ފުރުޞަތު ނޮޅިވަރަމުން ލިބުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އިޔާންއަށް ފުރަތަމަ ޑިވިޝަންގެ ޓީމަކުން ފުރުޞަތު ހޯދައިދިނުމުގެ ފަހަތުގައި ހުރީ މާޒިޔާގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް މިހާރު ވެސް އަދާކުރަމުން އަންނަ ނޮޅިވަރަމަށް އުފަން އަމްދާން އަލީ (އެންޑީ)އެވެ. ފުރަތަމަ އިޔާން ކުޅެފައިވަނީ މާޒިޔާގެ 21 އަހަރުން ދަށުގެ ޓީމަށެވެ. 2013 އަދި 2014 ވަނަ އަހަރު ޔޫތު ޓީމަށް ކުޅުމަށްފަހު މާޒިޔާގެ ސީނިއާ ޓީމްގެ ތިންވަނަ ކީޕަރެއް ގޮތުގައި އިޔާން ހަމަޖެހިގެން ގޮސްފައިވަނީ 2014 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރު ޔޫތު ޓީމްގެ ގޯލު މުޅި މުބާރާތުގައި ވެސް ބަލަހައްޓާފައި ވަނީ އިޔާންއެވެ. އެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް އެ މުބާރާތުގެ އިޔާން ވަނީ ހޯދާފައެވެ. އަދި އެ މުބާރާތުގެ ރަނަރަޕް ޓީމަކީ ވެސް މާޒިއާއެވެ.

 

އިޔާން މާޒިއާގެ ސިނިއާ ޓީމްގައި ފުރަތަމަ މެޗެއް ކުޅެފައިވަނީ 2015 ވަނަ އަހަރުއެވެ. މާޒިއާގެ ތިންވަނަ ކީޕަރުގެ ގޮތުގައި އިޔާން ވަނީ ގާތްގަޑަކަށް ހަތަރު އަހަރު ދުވަހު މަސައްކަތް ކޮށްފައެވެ. އެ މުއްދަތުގައި މާޒިއާ ސީނިއާ ޓީމުން އެކަށީގެންވާ ފުރުޞަތުތަކެއް ނުލިބުނު ނަމަވެސް އެ ޓީމްގައި ފުރިހަމަކުރި ގިނަ ތަމްރީންތަކަށް ފަހު އޭނާ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

އެ ކުރިއެރުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ 2018 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ދެވަނަ ޑިވިޝަންގެ ޓީމެއް ކަމުގައިވާ ދަ ގްރާންޑޭއަށް ބަދަލުވެ އިޔާން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ދަ ގްރާންޑޭ ހޯދީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިޔާން ވަނީ އޭނާއަކީ ކުޅަދާނަ ކީޕަރެއްކަން ހާމަކޮށްދީފައެވެ. ޖޭޖޭ ސްޕޯޓްސްއިން ފޮނުވާލި ދެ ޕެނަލްޓީ މަތަކޮށް ދަ ގްރާންޑޭއަށް ތަށި ހޯދައިދީ އެއްވަނަ ޑިވިޝަނަށް އެ ޓީމް ކޮލިފައި ކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އިޔާން ވަނީ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދާފައެވެ.

2019 ވަނަ އަހަރު ދަ ގްރާންޑޭއަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއިއެކު އިޔާން ވަނީ މާޒިޔާ ދޫކޮށް ދަ ގްރާންޑޭއަށް ބަދަލުވެފައެވެ. އެއަށްފަހު ފުރަތަމަ ޑިވިޝަންގައި ދަ ގްރާންޑޭގައި ވެސް އިޔާން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މޮޅު ގޯލް ކީޕަރަކަށް ވުމަށް އިޔާން ކުރަމުން އަންނަ މަސައްކަތުގައި ގިނަބަޔެއްގެ އެހީތެރިކަން ވާނެއެވެ. މިގޮތުން އިޔާން ވަނީ މާޒިޔާގެ ގޯލްކީޕަރ ޓްރޭނަރ މުޙައްމަދު ސުވެއިދު (ސުވެޓޯ) ކޮށްދިން މަސައްކަތް ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރުން މިހާރު އިޔާން ކުޅެމުން އަންނަ ދަ ގްރާންޑޭގެ ގޯލް ކީޕަރ ޓްރޭނަރ ހުސައިން ހަބީބްގެ މަސައްކަތް އިޔާންވަނީ ފާހަގަ ކޮށްފައެވެ.

ދަ ގްރާންޑޭގެ ގޯލްކީޕަރ ޓްރެއިނަރ ހުސައިން ހަބީބް އިޔާންއާއި ގުޅޭގޮތުން ބުނެފައިވަނީ އިޔާންއަކީ މިހާރު ރާއްޖޭގައި ކުޅެމުން އަންނަ ގޯލް ކީޕަރުންގެ ތެރޭގައި ހުރި އެންމެ ފާސްޓް ކީޕަރުކަމަށެވެ. ޔޫތު ލެވެލްގައި ތަމްރީންތަކެއް ލިބިފައި ވުމާއިއެކު އިޔާންގެ ބޭސިކް ގިނަ ކަންތައްތަކެއް ރަނގަޅު ކަމަށެވެ. ރާއްޖޭގެ އެންމެ މަތީފަންތީގައި ހިފެހެއްޓުމަށް އިޔާން ދަސްކުރަންޖެހޭ ކަންކަން އަދި ވަރަށް ގިނަކަމަށާއި ނަމަވެސް ސްޕޯޓްސް ޑިސިޕްލިން ހިފަހައްޓައިގެން ބުރަކޮށް މަސައްކަތް ކޮށްފިނަމަ މޮޅު ކީޕަރަކަށް އިޔާންއަށް ވެވިދާނެކަމުގައި ހަބީބް ޤަބޫލްކުރެއެވެ.

ފުޓްބޯޅައިގައި އިޔާންގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ ފަރާތެއްގެ ގޮތުގައި އިޔާން ތަކުރާރުކޮށް ވެސް ފާހަގަ ކޮށްފައިވާ ނަމަކީ އަމްދާން އަލީގެ (އެންޑީ)ގެ ނަމެވެ. އަދި އައްސަދުﷲ އަބްދުﷲ (އަސޯ) ގެ ނަމެވެ. މި ދެފަރާތަކީ އިޔާންއަށް ފުޓްބޯޅައިގައި ދިމާވި ކޮންމެ ކަމެއް ހައްލު ކޮށްދިނުމުގައި އެންމެ މުހިންމު ދެ ފަރާތް ގޮތުގައި އެނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ދަ ގްރާންޑޭގެ ގޯލްކީޕަރ ޓްރެއިނަރ ހުސައިން ހަބީބްއަށް އިޔާން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެއިތުރުން ފުޓްބޯޅަ އާއިލާގެ ކުޅުންތެރިންނާއި ގާތްއެކުވެރިންގެ އިތުރުން އާއިލާގެ ސަޕޯޓް އޭނާ ފާހަގަކުރެއެވެ.

ކޮންމެ ޓީމެއްގައި ހުރިނަމަވެސް ފަރިތަކުރުން ތަކަށް ފަރުވާތެރި އިޔާން ފުޓްބޯޅަ ދަނޑަށް ނުކުމެ އަންގިލައި ގޯލު ބަލަހައްޓަންފެށި ފުރަތަމަ ދުވަހު ވެސް އުންމީދަކަށް ވެފައި އޮތީ ޤައުމީ ރަތް ޖޯޒީގައި ނުކުމެ ޤައުމު ތަމްސީލް ކުރުމެވެ. ކުރި ބުރަ މަސައްކަތާއި އެކު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިހިނގާ މެއި މަހު ސެންޓްރަލައިޒްކޮށް ޗައިނާގައި ފަށާ މެޗުތަކަށް ނެގި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން އިޔާން ވަނީ ޖާގަ ހޯދާފައެވެ. މިއީ ޤައުމީ ސީނިއާ ސްކޮޑުން އިޔާންއަށް ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ.

ގިނަބަޔަކަށް އެނގިފައިނުވި ނަމަވެސް އިޔާންއަކީ ބެޑްމިންޓަންގައި ވެސް ހުނަރުވެރިއެކެވެ. އޭނާވަނީ 2013 އަދި 2014 ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭސަނުން ބޭއްވި 6 ވަނަ އަދި 7 ވަނަ ގައުމީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ހދ. ނޮޅިވަރަން ބީޑީސީ ތަމްސީލުކޮށް، ޓީމް އިވެންޓްގެ ރަނަރަޕް މަގާމް އެ ޓީމް ހޯދިއިރު އިޔާން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން އެ ދެ މުބާރާތުގެ އޯޕަން ބައިގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް ބައިގެ ވެސް ރަނަރަޕް ކަން އޭނާ ވަނީ ހޯދާފައެވެ. އެ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ބެޑްމިންޓަން ސީނިއާ ޓީމްގެ ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް އިޔާން އަށް ފުރުޞަތު ލިބުނު ނަމަވެސް އެ ކުޅިވަރުގެ ތެރެއަށް ވަގުތު އޭނާ ހުސްކޮށްފައި ނުވަނީ ފުޓްބޯޅަ ކުޅުމަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި