''ހޭންޑް ފުޓް އެންޑް މައުތު" ބަލިން ރައްކާތެރިވެ ތިބުން

A47B7D16-72C8-4D23-A354-4363C11102A4

ވައިރަސްތަކުން ފެތުރޭ ގައިންގަޔަށް އަރާ ބަލި ތަކަކީ ވަރަށް ފަސޭހަ ކަމާއެކު ފެތުރޭ ބަލި ތަކެވެ.

މިގޮތުން މިދުވަސްވަރަކީ " ހޭންޑް ފުޓް އެންޑް މައުތު" ބަލި ފެތުރެމުންދާ ދުވަސްވަރެކެވެ. މިބަލިން ރައްކާތެރިވެ ތިބުމާއި، ބަލި އިތުރަށް ފެތުރަ ނުދިނުމަށް ބައްޔާގުޅޭ މަޢުލޫމާތު އެނގިތިބުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

'' ހޭންޑް ފުޓް އެންޑް މައުތު '' ބައްޔަކީ ކޮބާ؟

ހޭންޑް ފުޓް މައުތު ބައްޔަކީ ވައިރަސްއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލި އެންމެ ފަސޭހައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވީނަމަވެސް ކޮންމެ މީހަކަށްވެސް މިބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ބަލިފެތުރުމުގެ ފުރުޞަތުބޮޑީ ކޮން ތަންތަނެއްގައިތޯ؟

އާންމުކޮށް ކުޑަކުދިންނާއި، ޅައުމުރުފުރާގެ ކުދިން ޖަމާވެއުޅޭ ތަންތަނުގައި މިބަލި ފެތުރުން އިތުރުވުމުގެ ފުރުޞަތު ބޮޑެވެ. މިގޮތުން ކުޑަކުދިންގެ ޕްރީސްކޫލްތަކާއި، ޕާކުތަކާއި އަދި ރެސްޓޯރަންޓް ފަދަ ތަންތާ ހެދިފައިހުންނަ ޕްލޭ އޭރިއާތަކާއި އަދި މިނޫންވެސް ކުދިން ޖަމާވެ އުޅޭތަންތަނުގައި މިބަލި ފެތުރުން ފަސޭހަވެއެވެ.

މިބަލީގެ އަލާމާތްތަކަކީ ކޮބާ؟

މިބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުންއައިސް ބޮލުގައިރިއްސުމާއި، ކާހިތްނުވުމާއި، ކަރުތެރެފާރުވުމާއި، އަތްތިލައާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެންފޮޅަކަށް ބަދަލުވެގެން ދިއުމާއި އަދި ވަރުދެރަވުން ހިމެނެއެވެ.

މިބަލިން ރައްކާތެރިވާނީ ކިހިނެތް؟

މިބަލިން ރައްކާތެރިވެ ތިބުމަށް ގިނަގިނައިން އަތްދޮވުން ވަރަށް މުހިންމެވެ. މިގޮތުން ކެއުމުގެ ކުރިންނާއި، ކައިނިމިގެންނާއި، ކާބޯތަކެތި ތައްޔާރުކުރަން ފެށުމުގެ ކުރިންނާއި، ފާޚާނާ ކުރުމަށްފަހުއާއި އަދި ނެޕީ ބަދަލު ކުރުމަށްފަހު އަތްދޮވުން ވަރަށް މުހިންމެވެ.

އާންމުކޮށް އަތްލައިހަދާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި، ޚާއްސަކޮށް ކުޑަކުދިން ގެންގުޅޭ ތަކެތި ސާފުކުރުމާއި، މޭޒު، އިސްކުރު ސާފުކުރުން ވަރަށް މުހިންމެވެ. ޕްރީސްކޫލްތަކުގައި ކުދިން އަތްލައި ކުޅިހަދާތަކެތި ހޫނުފެނުން ދޮވުން ވަރަށް ބޭނުންތެރިއެވެ.

ބަލި ޖެހިފައިވާ ކުދިންނާއި މީހުން އެހެންމީހުންނާއި ގާތްނުވުމާއި އަދި ބަލި ޖެހިފައިވާ ކުދިން ސްކޫލަށް ނުގެންދިޔުމަކީވެސް މިބަލިން ރައްކާތެރިވެ ތިބުމަށް އެހާމެ ބޭނުންތެރި ކަންކަމެވެ. ބޭނުންކޮށްފައި ހުންނަ ނެޕީ، ޓިޝޫފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަކީވެސް މިބަލިން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭނެ ކަމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *