ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ކޮންޓްރެކްޓަރާ ބިން ހަވާލުކޮށްފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަންގ، (އެޗް.ޑީ.ސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވިގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކޮންޓްރެކްޓަރާ ބިން ހަވާލުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އެޅުމަށް ވެސް ފިނޭންސް މިނިސްޓްރީން ކުރިން ޢިއުލާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކޫލްތަކަށް ބިން ދޫކުރަށްވަން ބިންތައް ކަނޑައަޅާފައި ވަނީ، ސަރުކާރުގެ ސިޔާސަތާއެއްގޮތަށް އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ސްކޫލްތަކެއް އިމާރާތް ކުރެވޭ ގޮތަށް ކަމަށެވެ.
ހުޅުމާލޭގައި ސްކޫލް އެޅުމަށް ބިން ހަވާލުކުރި ނަމަވެސް، އެ ބިންހަވާލުކުރި ކޮންޓްރެކްޓަރއާ ގުޅޭ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއިން އަދި އެޗް.ޑީ.ސީ އިންވެސް ހާމަކޮށްފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީންވަނީ މިއަހަރުގެ ފެބްރުއަރީ މަހު ތެރޭ ހުޅުމާލެގައި ސްކޫލެއް އެޅުމަށް އަމީން ކޮންސްޓަރަކްޝަންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝަރޫއަށް 118 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު، 390 ދުވަހު ތެރޭ މަސައްކަތް ނިންމާ އެޑިއުކޭޝަންނާ ސްކޫލް ހަވާލުކުރާނެކަމަށްވަނީ ބުނެފައެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސްކޫލަށް 'ސަލާހުއްދީން ސްކޫލް'ގެ ނަމުން ނަންދެވިފައިވާއިރު، އެ ސްކޫލަކީ 1200 ގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
ހުޅުމާލޭގައި މިހާރު ވެސް ސަރުކާރުގެ ތިން ސްކޫލެއް ހިންގަ އެވެ. އެއީ ހުރަވީ ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން ގާޒީ ސްކޫލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!