ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގަދައަޅައި މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރު މުޙައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އާތިފް ވާދަކުރެއްވީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ޓިކެޓްގައެވެ. މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ނަތީޖާއާއަށް ބަލާއިރު، އޭނާ އެ އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުދިން މީހުންގެ 55 އިންސައްތައަށްވުރެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

Ad
rt

އެ ކާމިޔާބީއާއި ގުޅުގެން އާތިފް މިއަދު ވިދާޅުވީ، އޭނާއާއިއެކު ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީއަށް ވާދަކުރި ޓީމަށް އިތުބާރުކޮށް، ރައްޔިތުން ވޯޓް ދެއްވީތީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުން މާޔޫސްވިޔަކަ ނުދޭނަން. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދާ، ތިޔަ ބޭފުޅުންގެ އުއްމީދުތައް ހާސިލު ކޮށްދީ، ކުޅުދުއްފުށި ސިޓީގެ އާ މުސްތަޤުބަލެއް ބިނާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ކަމުގެ ޔަޤީންކަން އަރުވަން. އަދި ހާސްކަމެއް ނެތި، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ، އަމާން ވެއްޓެއް ޤާއިމު ކުރެވިފައިވާ، އަދުގެ ޓެކްނޮލޮޖީގެ މައްޗަށް ޚިދުމަތްތައް ބިނާވެފައިވާ ޒަމާނީ ފެހި ސިޓީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ މި ފަޚުރުވެރި ކުޅުދުއްފުށި ސިޓީ ތަރައްޤީ ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވަން." އާތިފް ވިދާޅުވެފަ ވެއެވެ.

އާތިފްވަނީ އޭނާއާއި އޭނާގެ ޓީމަށް އެ ކާމިޔާބީ ހޯދައިދިނުމުގައި ބުރަ މަސައްކަތެއްކޮށްދިން ކެމްޕެއިން ޓީމަށާއި، އަދި އެމަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަށްވާފަ އެވެ.

ކުޅުދުއްފުށީ ސިޓީގެ ތާރީޚީ ފުރަތަމަ މޭޔަރުގެ މަގާމް އާތިފް ހޯއްދެވިއިރު، އެ ސިޓީގެ އެހެން ގޮނޑިތައް ވެސް ކާމިޔާބުކުރީ، އާތިފްގެ ޓީމްގައި ހިމެނޭ އެމްޑީޕީގެ މެންބަރުންނެވެ.