ކޯވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާލަތު ގޯސްވާ މީހުންނާއި، ވެކްސިންގެ ސަބަބުން މަރުވާ މީހުންގެ ޢާއިލާތަކަށް މާލީގޮތުން އެހީތެރިވުމަށްޓަކައި މެލޭޝިޔާއިން 10 މިލިއަން ރިންގިޓް (2.4 މިލިއަން ޑޮލަރު)ގެ ފަންޑެއް ގާއިމުކޮށްފިއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރު ޑރ. އަދުހަމް ބާބާ ވިދާޅުވީ، ކޯވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހާލު ގޯސްވެ، ވެކްސިންޖެހި މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ ބަދަލުގެގޮތުގައި 50،000 ރިންގިޓް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 12,157 ޑޮލަރެވެ.

Ad
rt

މި ވެކްސިން ޖެހުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވާ މީހުންނަށާއި، އަދި ވެކްސިންގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެމީހެއްގެ އާއިލާއަށް ބަދަލުގެގޮތުގައި 500،000 ރިންގިޓް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފަ ވެއެވެ. އެއީ ގާތްގަނޑަކަށް 121,572 ޑޮލަރެވެ.

މި ފަންޑު ބަލަހައްޓައި، އެހީތެރިވާން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީ (ނަޑްމާ)އިން ނެވެ.

ހެލްތު މިނިސްޓަރ އަދުހަމް ބާބާ ވިދާޅުވީ، އެ ގައުމުގައި ވެކްސިން ޖެހި މީހުންގެ ތެރެއިން މި މާރިޗްމަހުގެ 18 ވަނަ ދުވަހާ ހަމައަށް 20 މީހަކަށް ގައި ކެހުމާއި، ނޭވާ ކުރުވުމާއި، ހީކެރުވުންފަދަ ސިއްހީ މައްސަލަތަކެއް ދިމާވެގެން ރިޕޯޓްކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ވެކްސިންގެ ސަބަބުން ހާލު ގޯސްވެ މީހަކު މަރުވެފައި ނުވާ ކަމަށެވެ.

އެ މައްސަލަ ދިމާވީ ކޮން ވެކްސިނެއްގެ ސަބަބަކުން ކަމަކަށް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މެލޭޝިޔާގައި ކޯވިޑް ވެކްސިން ދެވެމުންދާއިރު، އެ މަސައްކަތް ބަލައި ވަޒަންކުރުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއިން ވަނީ ތިން ޓާސްކް ފޯހެއްވެސް އުފައްދާފަ އެވެ.

އަދި އެގަމުމުގައި ކޯވިޑް ވެކްސިންގެ ޖެހުމުގެ ސަބަބުން ހާލަތު ގޯސްވެ، މަރުވާ މީހުންނަށް ބަދަލު ދޭން ފަނޑެއް އުފެއްދީ ވެކްސިންއާއި މެދު ސަރުކާރުގެ އިތުބާރު ނެތިގެން ނޫން ކަމަށް ވެސް ހެލްތު މިނިސްޓަރ ޑރ. އަދުހަމް ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިޔާގައި މިހާތަނަށް 430,000 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ސިޔާސީ މީހުންނެވެ.

އެ ގައުމުގައި އަންނަނީ އެގައުމުގެ ރައްޔިތުންނަށް ފައިޒަރ ވެކްސިންގެ އިތުރުން ޗައިނާގެ ސިނޮވެކް ބަޔޯޓެކްގެ ވެކްސިންވެސް ދެމުންނެވެ.