ދިވެހިރާއްޖޭގައި ކޯވިޑް-19 ބަލި ފެތުރުން ކޮންޓްރޯލްކޮށް، އެ ބަލިން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލްތަކާއި ހިލާފު ވެެގެން 3 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއާއި އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެޕާޓީ، ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

Ad
rt

އެ ޕާޓީތައް ޖޫރިމަނާ ކުރިކަން ހާމަކުރި ނަމަވެސް، ޖޫރިމަނާ ކުރީ ކިހާ އަދަދަކުން ކަމެއް ފުލުހުން ހާމައެއް ނުކުރަށްވައެވެ.

3 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރިއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާ މުޒާހަރާތައް ބާއްވައި ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެމްޑީޕީއިން ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކެމްޕޭން ރެލީއެއް ބާއްވާފައެވެ.

ހުކުރު ދުވަހު އެމްޑީޕީ ހުޅުމާލޭގައި ކެމްޕެއިން ހަރަކާތެއް ހިންގަމުން ދިޔައިރު އެ ސަރަހައްދުގެ މަންޒަރެއް، ފޮޓޯ: ޝޯސަލް މީޑީއާ

އިދިކޮޅު ހަރަކާތުން ކުރިއަށް ގެންދާ ހަރަކާތްތައް ގެންދަނީ އެޗްޕީއޭގެ އުސޫލްތަކާއެއްގޮތަށް ކަމަށް އެ ހަރަކާތުން ބުނެއެވެ. އަދި ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތް ބޭއްވީ އެޗްޕީއޭގެ ހުއްދައާއިއެކު ކަމަށް އެ ޕާޓީންވެސް ބުނެފަ ވެއެވެ. ނަމަވެސް، މިއިން އެއްވެސް ސިޔާސީ ހަރަކާތަކުން ގައިދުރުކަމެއް ނުފެނެއެވެ.

އުސޫލްތަކާއި ޚިލާފްވެގެން ތިން ޕާޓީއެއް ޖޫރިމަނާ ކުރިއިރު، ރާއްޖޭގައި ގޯސްވެފައިވާ ކޯވިޑްގެ ހާލަތު އަދި ވެސް ދަނީ ދިގު ދެމިގެންނެވެ.