އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވަރނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކޮށް ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ފާހަގަކޮށްފައެވެ.
ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއް، ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރޭ
މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މި އަހަރު ޗެންނާއީގައި ބޭއްވެނީ މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއްކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!