ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ރޯ މަސް ހަދިޔާކުރަށްވައިފި އެވެ.

މެންބަރު އަޙްމަދު ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރެއްވީ، 979 ކިލޯ ރޯމަހެވެ.

Ad
rt

އަޙްމަދު ވަނީ މިމަހުގެ 9 ވަނަ ދުވަހު، 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ.

މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން ބާރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން މުރައިދޫން ވަނީ ރޯ މަހާއި، ކާޑާއި އަދި ނޫޑުލުސް ބާރަށުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.

ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެފަހުން ރޭގެ ނިޔަލަށް އެރަށުން ވަނީ ޖުމްލަ 33 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 1 ވަނަ ދުވަހުގެ ރޭން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.