ރާއްޖޭގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އިން ކޮންޓްރޯލްކޮށް އަގުތައް އާންމުކޮށްފިއެވެ.

އެކަން ހާމަކުރައްވަމުން އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (1/96) ފެބްރުއަރީ 28ގައި އުވި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (12/2020) އަށް އަމަލުކުރަން ފަށާފައި ވާތީ، ބައެއް މުދާތައް ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ކާޑުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ހަނޑޫ ކިލޯއެއް ވިއްކަން އަންގާފައި ވަނީ 4 ރުފިޔާ 80 ލާރިއަށެވެ. އަދި އާދައިގެ ހުދު ހަކުރު ކިލޯއެއް 4 ރުފިޔާ 82 ދެލާރިއަށް ވިއްކަން އަންގާފައިވާއިރު، އާދައިގެ ފުއް ކިލޯއެއް 3 ރުފިޔާ 80 ލާރިއަށް ވިއްކަން ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ހަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) ކޮންޓްރޯލް ކުރި އަގުތަކުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރު ކުރެވޭނެ އަދަދު ވެސް ކަނޑައަޅާފައެވެ.

މި ގޮތުން ޒޯން1، (ހއ، ހދ، ށ) އަތޮޅުން ކިލޯއަކަށް އިތުރު ކުރެވީ 1 ރުފިޔާ 2 ލާރި އެވެ. ޒޯން 2 (ގްރޭޓާ މާލޭ އޭރިޔާ ފިޔަވާ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ) އަތޮޅުން ކިލޯއަކަށް އިތުރު ކުރެވެނީ 82 ލާރި އެވެ. އަދި ޒޯން 3 (ލ، ގއ، ގދ، ޏ އަދި ސ) އަތޮޅުން އިތުރު ކުރެވޭނީ 1 ރުފިޔާ 21 ލާރި ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކުރީން ވެސް ރާއްޖޭގައި އާންމު ކާޑުގެ ބާވަތްތައް ވިއްކަނީ ސަރުކާރުން ކަނޑައަޅާ ކޮންޓްރޯލް އަގުތަކެއްގަ އެވެ.