ކޯވިޑް-19ގެ ހާލަތުގެ ސަބަބުން، ހއ. ބާރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވާލުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގެ ހާލަތު މިވަގުތު އޮތްގޮތުން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އެ ރަށުގެ ފިހާރަ، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް މިއަދުން ފެށިގެން ބަންދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުން ފެށިގެން އެތަންތަނުން ދޭނީ ޑެލިވަރީގެ ޚިދުމަތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''ރަށުގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅު، ނަމަވެސް އިތުރު ކޭސްތައް ފެންނަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު މި ވަރުގަދަ ކުރީ، މިހާރު ވެސް އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށް އެބަދޭ، މިއަދުން ފެށިގެން ފިހާރަ، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް ބަނދުވާނެ، ނަމަވެސް އެތަންތަނުން ޑެލިވަރީގެ ޚިދުމަތް ލިބޭނެ، މިރޭން ފެށިގެން ރޭގަނޑު 9 އިން ފެށިގެން ބޭރަށް ނުކުތުން ވެސް މަނާ ވާނެ''- ޢަލީ ޝަމީމް ވިދާޅުވިއެވެ.

ޢަލީ ޝަމީމް އިތުރަށް ވިދާޅުވި ގޮތުގައި، ކޯވީޑާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގާ އެންގުންތަކަށް ވެސް އެރަށުން ދަނީ ފުރިހަމައަށް އަމަލުކޮށް، އެކަންކަން ތަންފީޒު ކުރަމުންނެވެ.

ބާރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރިއިރު އެރަށުން މިހާތަނަށް ވަނީ 31 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެއިތުރުން އެރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.