ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ.

Ad
rt

ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އެރަށުން އިތުރުބަޔެއް ޕޮޒިޓިވްވުމުން މިމަހުގެ 3 ވަނަ ދުވަހު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި 158 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާއިން ރެޔާ ހަމައަށް ވަނީ އިތުރު 9 މީހެއްގެ ޕޮޒިޓިވް ވެފައެވެ.

ބާރަށުގެ ހާލަތު ވަޒަން ކުރުމަށް އިއްޔެވެސް ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުގައި ސާމްޕަލް ނެގުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރެއާއި ހަމައަށް ޖުމްލަ 216 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ބާރަށުން ސާމްޕަލް ނެގުމުގައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއްގެ އިތުރުން ދިއްދޫ ޕޮލިސް ސްޓޭޝަންގެ ޓީމަކާއި، ދިއްދޫގައި ތިއްބަވާ އެމްއެންޑީއެފްގެ ޓީމަކާއި، އިހަވަންދޫ އައިމިނާދިޔޯ ހެލްތު ސެންޓަރުގެ ޓީމެއް ވެސް ހަރަކާތްތެރި ވެފައެވެ.

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރިއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން ނެވެ. އަދި ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައިވަތީ، ޢިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަންމާލައި، މާލެ ސަރަޙައްދުގައ އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.

ރާއްޖެ އިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،447 އަށް އަރައިފައިވާއިރު، އިއްޔެ ވެސް ވަނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 135 މީހަކާއި، އެހެން ރަށްތަކުން ޕޮޒިޓިވްވި 17 މީހަކާއި އަދި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުންނާއެކު 167 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އިއްޔެވެސް ރާއްޖެއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ވަނީ64 އަށް އަރާފައެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީއެކެވެ.