ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ.
ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ބާރަށުގެ ހާލަތު ވަޒަން ކުރުމަށް އެރަށުން އިތުރު 158 ސާމްޕަލް އިއްޔެ ނަގާފައިވާއިރު، މިއަދު ވެސް އިތުރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެރަށުގައި ކުރިއަށްދާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.
ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރިއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން ނެވެ. އަދި ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައިވަތީ، ޢިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް މިއަދު ވަނީ އިތުރު މަހަކަށް ދަންމާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!