ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 6 މީހުންގެ ތެރެއިން 4 މީހުން ޕްސިޓިވް ވެއްޖެ އެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން މިކަން ވަނީ މިނޫހަށް ކަށަވަރުކޮށްދީފަ އެވެ. އަދި އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށް ހއ. ދިއްދޫއިން 4 ޓީމު އިހަވަންދޫއިން 2 ޓީމެއް ބާރަށަށް ދަތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް އިއްޔެ ވަނީ ފަށާފަ އެވެ.
އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.
ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 70 އަހަރުގެ ހައިރިސްކް ކެޓަގަރީގެ މީހެއް ވެސް ހިމެނެއެވެ.
ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނައިރު އިއްޔެ ވެސް 186 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 152، އަތޮޅުތަކުން ޕޮޒިޓިވްވި 23 މީހަކާއި އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ. މިވަގުތު ރާއްޖޭގެ ކޯވިޑްގެ ޖުމްލަ ނަމްބަރަކީ 19،979 އެވެ.
އެ ބަލީގައި ހުސްވި ފެބްރުއަރީގައި ވެސް ރާއްޖެއިން 10 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް 54 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!