ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި 6 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ.

Ad
rt

އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.

ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 70 އަހަރުގެ ހައިރިސްކް ކެޓަގަރީގެ މީހެއް ވެސް ހިމެނެއެވެ.

ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނައިރު އިއްޔެ ވެސް 186 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 152، އަތޮޅުތަކުން ޕޮޒިޓިވްވި 23 މީހަކާއި އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ. މިވަގުތު ރާއްޖޭގެ ކޯވިޑްގެ ޖުމްލަ ނަމްބަރަކީ 19،979 އެވެ.

އެ ބަލީގައި ހުސްވި ފެބްރުއަރީގައި ވެސް ރާއްޖެއިން 10 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް 54 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ.