ށ. ފޭދޫ އާއި ށ ނޫމަރާގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފޯކައިދޫ އަދި ށ. ފީވައް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގައިފިއެވެ.
ފުލުހުން އެދެރަށުގައި ވިޔަފާރިކުރާ ތަންތަނަށާއި ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވަނީ މިދިޔަ ހަފްތާގަ އެވެ.
ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ރީލޯޑްއާއި ރާސްޓަސްގެ މައްސަލަތަކަށް ސަމާލުވެ، އެކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކޭޝް ކާޑުގެ މައުލޫމާތުތައް ހިއްސާ ނުކުރުމަށާއި ނުދަންނަށް ފަރާތްތަކުން ހަވާލުކުރާ ތަކެއްޗަށް ހަވާލުނުވުމަށާއި ހަވާލުވާނަމަ އެތަކެތި ޗެކްކުރުމަށްފަހު ނޫނީ ހަވާލުނުވުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން ފައިސާ ޓްރާންސްފަރކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުންވެސް މި ޕްރޮގްރާމުގެ ތެރެއިން މައުލޫމާތު ދީފައިވެއެވެ.
ށ. ނޫމަރާ އަދި ފޭދޫގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިންވަނީ ށ. ފޭދޫގެ ޒުވާނުންގެ ޓީމަކާއި ފުލުހުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެއަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!