ކޯވިޑް- 19 އާއި ގުޅިގެން މިސްކިތްތަކަށް ދާ މީހުން ޢަމަލު ކުރަންވީ ގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކުރަށްވައި ފިއެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ މިސްކިތަށް ދާ މީހުން އަމަލުކުރަންވީ ގޮތް ބަޔާންކޮށް ނޫސް ބަޔާނެއް އާންމު ކުރަށްވާފައެވެ.
އެ ނޫސްބަޔާނުގައި މިސްކިތުގައި ބެހެއްޓިފައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން އެދިފައިވާއިރު، މިސްކިތަށް ދާއިރު ދާންވާނީ ގެއިން ވުޟޫ ކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި މުސައްލަ ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމަށް ވަނީ އެދިފައެވެ.
އެ ނޫސްބަޔާނުގައި ސަމާލުކަން ދިނުމަށް އިތުރަށް އެދިފައިވާ ކަންތައްތައް
- މާސްކު އެޅުން.
- މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.
- މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން
ފުރަމުން ގެންދިއުން. - ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި، ކެއްސާ
މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން. - ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން.
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތްޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުވުން.
''މި ދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ބަރާބަރަށް އަދާ ކުރުމަށާއި ކީރިތި ޤުރުއާން ކިޔަވައި ﷲ ގެ ރަޙުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި ފުރިހަމަޔަށް ﷲ އަށް ވަކީލްކޮށް ގިނަ ގިނައިން ދުޢާކޮށް، އަސްތަޣުފާރު ކުރުންމަތީ ދެމި ތިބުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.''
އިސްލާމިކް މިނިސްޓްރީއިން ބުނެފަ ވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީއިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑް ލައިންއާއި އެއްގޮތަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދި، އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!