ކާބަފައިންގެ ކޮންމެ ކަމަކުންވެސް ފެނިގެން ގޮސްފައިވަނީ އެއްބައިވަންތަކަން!

ހދ. ކުޅުދުއްފުށި ބަނދަރު ހެދުމުގެ ކުރިން
ހދ. ކުޅުދުއްފުށި ބަނދަރު ހެދުމުގެ ކުރިން

ދިވެހިރާއްޖޭގެ ކާބަފައިންނަކީ އެ މީހުންގެ ދިރިއުޅުމުގައި ކުރިމަތިވި ކޮންމެ ކަމަކަށް އަމިއްލަ މަސައްކަތުން ހައްލު ހޯދައިގެން، ސާދާ ދިރިއުޅުމެއް އުޅެފައިވާ ބައެކެވެ. އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމަކުން ފެނިގެން ގޮސްފައިވަނީ މަސައްކަތްތެރި ކަމެވެ. އެއްބައިވަންތަކަމެވެ. އަވައްޓެރިންނާއި އަދި އާއިލީ ގުޅުންތައް ދެމެހެއްޓުމުގައި ވެސް ލާމަސީލު ނަމޫނާ ބައެއްކަމެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ އެބައި މީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދައްކުވައިދީފައިވާ އެއްބައިވަންތަކަމުގެ މައްޗަށާއި އަދި ގުޅުންތަކުގެ މައްޗަށެވެ.

ކާބަފައިންނަކީ އެބައި މީހުންގެ އަމިއްލަ އަތުން ބުރަ މަސައްކަތް ކޮށްގެން ގެދޮރުއަޅައި އުޅުނު ބައެކެވެ. މިގޮތުން ފަނުން ގެދޮރު ބިނާކޮށް އުޅުނު ޒަމާން ދޫކޮށް އުވަޔާއި ގަލާއި ބޭނުން ކޮށްގެން ގެދޮރު ބިނާކުރި ޒަމާނަށް ބަލައިލާއިރު ވެސް ފެންނަނީ އާދަޔާ ޚިލާފު ގުޅުމެކެވެ. ގެ ރޭނުމަށް ބޭނުންވާ އުވަ ދެވުމުގައި އެކަމަށް ބޭނުންވާ ގަލާއި ލަކުޑި އެއްކުރުމުގައި ވެސް އެބައި މީހުން އެކަކު އަނެއްކަކަށް އެހީތެރިވަމުން އައިސްފައިވަނީ އެއްވެސް އަގަކާނުލައެވެ.

އެ ދުވަސްވަރުގެ އާއިލީ ގުޅުމާއި އަވައްޓެރިކަމުގެ ގުޅުން ދައްކުވައިދޭ ކަންތައްތަކުގެ ތެރޭގައި ދަރިޔަކު ހިތާނު ކުރުމުގެ މުނާސަބާގެ ވަގުތާއި އާއިލާއަށް އަލަށް ކުއްޖަކު އުފަންވާ ވަގުތުތައް ފާހަގަކޮށްލަން ޖެހެއެވެ. އެއީ އެ އޮންނަ ބަދަހި ގުޅުން ދައްކުވައިދޭ ފުރިހަމަ މުނާސަބާތަކެކެވެ. އަލަށް އާއިލާއަށް އުފަންވާ ދަރިފުޅާއި އެ ކުއްޖާގެ މައިމީހާއަށް ބޭނުންވާ ކަންކަން ފުއްދައި ދިނުމުގައި އާއިލާގެ މީހުންނާއި އަވައްޓެރިން ތިބޭނީ އަބަދުވެސް ތައްޔާރަށެވެ. ކުރުގޮތަކަށް ބުނަނީނަމަ އެކަންކަން ފުއްދައި ދިނުމުގައި އަވައްޓެރިންނާއި އާއިލާގެ މީހުން އޮންނާނީ ކިއު ޖެހިފައެވެ. އެހާވެސް އެބައި މީހުންގެ ދޭދޭ ގުޅުންތައް އެދުވަސްވަރު ބަދަހިވެގެން ވެއެވެ.

ގިނަބަޔަކު އެހީތެރިކަމާއި އެކު ރަށުގައި ކުރެވޭ ކޮންމެ މަސައްކަތަކީ އިޖުތިމާޢީ ރޫޙު އޭގެ އެންމެ ފުރިހަމައަށް ފެނިގެންދާ ކަންކަމެވެ. އޮޑިދޯނި ފަހަރު އެހެލުމުގައި ފެނިގެންދާ އެއްބައި ވަންތަކަމެވެ. ރަށުގެ އަތިރިމައްޗާއި އަދި މިނޫންވެސް އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމުގައި ރަށްފުށުގެ ކަނބަލުންގެ މުރާލިކަމާއި ހީވާގިކަމާއި އަދި އޮންނަ ބަދަހި ގުޅުމެވެ. މިފަދަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން އެ ދުވަސްވަރު އޮންނަނީ އުފަލަކަށް ވެފައެވެ. މިފަދަ މާހައުލުން އަބަދުމެ ގިނަބަޔަކު ބައްދަލުވެ ފެނިދެނިވެ އުޅެވުމުގެ ސަބަބުން އެބައި މީހުންގެ މެދުގައި އާދަޔާ ޚިލާފު ގުޅުންތަކެއް އޮންނަނީ އުފެދިފައެވެ.

އަޅުގަނޑުމެންނާއި ހިސާބަށް އިސްލާމް ދީން އަމާނާތްތެރިކަމާއިއެކު ފޯރުކޮށް ދިނުމުގެ މެދުވެރިންނަކީ އެބައި މީހުންނެވެ. އެބައި މީހުންނަށް ލިބިފައިވާ ޢިލްމުގެ މައްޗަށް އިސްލާމް ދީނުގެ ވާޖިބުތަކަށް ފަރުވާތެރި ވުމުގައި ވެސް ކާބަފައިންނަކީ ނަމޫނާ ބައެކެވެ. ރިވެތި އަޚުލާގުގައި ދެވަނައެއްނެތް ބައެކެވެ. ތަނުގެ ހަމަޖެހުމާއި ދޭދޭ ފަރުދުންގެ ގުޅުން ފުރިހަމަކޮށްދެނީ އެބައި މީހުން އެކަކު އަނެއްކަކަށް ކުރާ އިހުތިރާމެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ދުވަސްވަރަކީ އެބައި މީހުން ދިރިއުޅެމުން ދިޔަ ގެތަކުގެ ވަށައިގެން ވަށާފާރުތައް ރާނައި ކޮށިތައް ވަކިކުރެވިފައިވާ ދުވަސްވަރެއް ނޫނެވެ. ވުމާއިއެކު ވަށައިގެންވާ އަވައްޓެރިން ކޮންމެ ދުވަހަކު ފެނިދެނިވެއެވެ. ކޮންމެ ދުވަހަކު ވެސް އެބައި މީހުންނާއި މުޢާމަލާތް ކުރުމުގެ ފުރުޞަތު ލިބެއެވެ. އަވައްޓެރިންނަށް ހާއްސަ ޒިޔާރަތް ކުރާކަށް ނުޖެހެއެވެ. އަބަދުމެ ހީލައި ވާހަކަ ދައްކާ ހެދެއެވެ. މިހެން މިކަން އޮތުމުގެ ސަބަބުން އެބައި މީހުންގެ ގުޅުމަކީ އާދަޔާ ޚިލާފު ބަދަހި ގުޅުމަކަށް އޮންނަނީ ވެފައެވެ.

ނަމަވެސް މިހާރުގެ މަންޒަރު ވަރަށް ތަފާތެވެ. އިޖުތިމާޢީ ގުޅުންތައް މިވަނީ ހީނަރުވެފައެވެ. ސަބަބުތައް ވެސް ގިނަގުނައެވެ. ކާބަފައިންގެ ރިވެތި ގޮތްތައް ގެއްލެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން ކާބަފައިން އުޅުނު ފުދުންތެރި އުޅުން ދިވެހިން ދޫކޮށްލުން ފާހަގަކުރަން ޖެހެއެވެ. މާލީ މަންފާއެން ނުލިބޭ އެއްވެސް ކަމެއްގައި ދިވެހިން ހަރަކާތްތެރިވާން ބޭނުން ނުވުމުގެ ސަބަބުން އިޖުތިމާޢީ ކަމެއް ގޮތުގައި ކާބަފައިން ކުރަމުން އައި މަސައްކަތްތައް ހުއްޓި އެ އާދަތައް މިއަދު ދިވެހިންގެ ތެރެއިން މިވަނީ ގެއްލިފައެވެ. ކޮންމެ ގެއެއްގެ ވަށާފާރު ރާނައި އަވައްޓެރިން ނުފެންނަ ފަދަގޮތަކަށް ގެތަށް އިމާރާތް ކުރެވުމުގެ ސަބަބުން މިއަދު އަވައްޓެރިންގެ ގުޅުންތައް ވެސް މިވަނީ ހީނަރު ވެފައެވެ. ނުވިތާކަށް ދިވެހި ކާބަފައިން މި ޖީލަށް ވާސިލްކޮށްދެއްވި ރިވެތި އަޚުލާގާއި އަނެކާއަށް އިޚުތިރާމް ކުރުން ވެސް މިއަދު ދިވެހިން މިވަނީ ދޫކޮށްލާފައެވެ. މިފަދަ އެތައްއެތައް ސަބަބެކެވެ.

މިއަދު ދިވެހި ޤައުމު މިދެކޭ ބައިބައިވުންތައް ހައްލުކުރުމަށް ކާބަފައިން ގެނެސްދެއްވި ރިވެތި ގޮތްތައް ދިރުވައި އާލާކުރަން މިވަނީ ޖެހިފައެވެ. ހާއްސަކޮށް ކާބަފައިން ދައްކުވައި ދެއްވި ރިވެތި އަޚުލާގެވެ. މި މަސައްކަތް ފެށުން މިވަނީ އަވަސްކުރަން ޖެހިފައެވެ. ނޫންނަމަ ވަގުތު ފާއިތުވެ ޤައުމުގެ ހަމަޖެހުން ގެއްލިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.