ށ. ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރަން ބިން ދޫކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހުއްދަދޭން ނިންމައިފިއެވެ.

މި ހުއްދަ ދިނުމަށް އެލްޖީއޭއިން ނިންމީ އެ އޮތޯރިޓީ ބޯޑުގެ މި އަހަރުގެ 3 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން އޮތީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ.

Ad
rt

މިގޮތުން ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރަން މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ބިން ދޫކުރަން އެލްޖީއޭން ނިންމި ނިންމުމުގައި ބުނެފައި ވަނީ އެ ބިން ދޫކުރަން މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަދީފައި ވުމާއެކު، ފިޝަރީޒް މިނިސްޓްރީއަށް އެ ބިން ދޫކުރަން ހުއްދަދޭން ނިންމާކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީއިން އެކަން ކުރިއަށް ގެންދަން ވާނީ، އާންމުކޮށް ޢިއުލާންކޮށްގެން ކަމަށް ވެސް އެ ނިންމުމުގަ ވެއެވެ.

ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމުކުރަން މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ބިން ދޫކުރަން އެލްޖީއޭން ނިންމިއިރު، މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ޖެނުއަރީ 18 ވަނަ ދުވަހުގެ ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވިގޮތުގައި މަސްވެރިންގެ ކަންބޮޑުވުން ހައްލު ކޮށްދެއްވުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 13 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަށްވަން ވަނީ ނިންމަވާފަ އެވެ.

މިގޮތުން މިއަހަރުގެ ތެރޭގައި އައިސްޕްލާންޓް އެޅުމަށް ފިޝަރީޒް މިނިސްޓްރީއިން ކަނޑައަޅާފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޮރީއެވެ. މީގެތެރެއިން ގއ.ގެމަނަފުށީ އައިސްޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ. އަދި ދެންހުރި ހުރިހާ ރަށެއްގައި ޤާއިމްކުރަނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓްތަކެކެވެ. މިނިސްޓްރީން ބުނީ މީގެތެރެއިން 3 އައިސްޕްލާންޓެއް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އެއީ މަޑުއްވަރީ، ގާފަރު އަދި ފީއަލި އައިސްޕްލާންޓެވެ.

މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 29 ރަށެއްގައި 54 އައިސްޕްލާންޓް އަންނަނީ ހިންގަމުންނެވެ.