ހއ. މާރަންދޫ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން އެރަށުގެ އެއް ކުނިގޮނޑު ސާފުކޮށްފިއެވެ.

އެރަށުގެ ދެވަނަ ކުނިގޮނޑު މިއަދު ސާފު ކުރާން ހަމަޖެހިފައިވާއިރު، މާރަންދޫ ކައުންސިލުން ވިދާޅުވީ، ކޯވިޑްގެ ކުރީން ވެސް އެރަށުގައި އޮންނަ ދެ ކުނި ގޮނޑުވެސް ސާފުކޮށް، ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ރަށުގެ ރައްޔިތުން ކަމަށެވެ.

Ad
rt

މާރަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޙަސަން ''ތިލަދުން''އަށް ވިދާޅުވީ، ކޯވިޑްގެ ސަބަބުން މިދިޔަ ހައެއްކަ މަހެއްހާ ދުވަހު އެ ރަށުގެ ކުނިގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އެ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. ނަމަވެސް ކުނި އުކާލަންދާ ރަށުގެ ރައްޔިތުން ވެސް ކުނިގޮނޑު ސާފުކުރުމަށް މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

''މިއަދު މިވަނީ ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން އެމަސައްކަތް އަލުން ފެށިފައި، މި މަސައްކަތަކީ އަބަދުވެސް މިރަށުގެ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތެއް، އާންމު ގޮތެއްގައި ދެމަހުން އެއްމަހު ކުނިގޮނޑުތައް މިގޮތަށް ސާފު ކުރަން، އަދި ރޯދައިގެ ކުރިން އެއްބުރު ސާފު ކުރެވޭނެ، އަހަރަކު އެއްފަހަރަކު ކަހަލަގޮތަކަށް ހައިމާކެއް ގެނެސްގޮން މިގޮނޑުތައް އެއްކޮށް ސާފުކޮށް ރީތިކުރަން''

އަޙްމަދު ޙަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ކުރުމުގައި ރަށުގެ ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަ ކުރަށްވާ ކަމަށެވެ. އަދި ޚާއްޞަގޮތެއްގައި މި މަސައްކަތުގައި ރަށުގެ ކަނބަލުންގެ އިސްނެންގެވުމާއި ބައިވެރިވުން ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ޙަސަން ވިދާޅުވީ ދާދިފަހުން ވެމްކޯގެ ޓީމެއް އުތުރަށް ކުރި ޒިޔާރަތުގައި އެރަށަށް ވެސް ގޮސް، ކައުންސިލާއި ބައްދަލުކޮށް ކުނި މެނޭޖްކުރާ ގޮތުގެ މައުލޫމާތު ހޯއްދަވާފައި ވުމާއެކު، ކުރިމަގުގައި ކުނި ނައްތާލެވޭނެ ފަސޭހަމަގެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ކުނީގެ މައްސަލައަކީ އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.