މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ދައުވާތަކުގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓްގައި މި ދައުވާތަކުގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:30 ގައެވެ. އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ.
ޕީޖީ އޮފީހުން ހދ. ކުޅުދުއްފުށި ބަނދަރު، އަލީވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 7 ދައުވާއެއް އުފުލައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އަލީ ވަހީދަށް ކުރާ 7 ދައުވާ:
- ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ
ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވީ، މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅުމުން، އޭނާ އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އެ މަގާމުން އިސްތިޢުފާ ނުދެއްވުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުން، ޖުލައިމަހުގެ 20 ވަނަ ދުވަހުގެ ރޭ ޢަލީ ވަހީދު ވިދާޅުވީ، އޭނާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއްކަމަށާއި ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ނޫސްވެރިންކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެރޭ އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!