ރައީސް ޔާމީނުގެ ސަރުކާރުގައި، އޭރުގެ ހައުސިން މިނިސްޓްރީއަށް އައްޔަނު ކުރެއްވި ސިޔާސީ މަގާމުތަކާއި އެއް ޢަދަދަށް ވެސް، ޔާމީނުގެ ޝަރީއަތް އޮންނަ ދުވަހު ކޯޓު ދޮށަށް މީހުން އެއް ނުވާކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ދައުރުން ބޭރުގައި ބާއްވާ 3 ވަނަ ޚާއްޞަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.
ވައްޑޭ ވިދާޅުވީ، ސިޔާސީ ހަމައެކަނި ވާދަވެރި ފަރާތް ހައްޔަރުކޮށްފައި ހުރި ވާހަކަ އިދިކޮޅު މެންބަރުން ތަކުރާރުކޮށް މަޖިލިސް ތަޅުމުގައި ދައްކަމުން ދިޔަނަމަވެސް، އެވާހަކަ ދައްކަވާ އިދިކޮޅު މެންބަރުންވެސް އެ މެންބަރުންނަށް އެ ދެއްކެވެނީ ރަނގަޅު ވާހަކަ ކަމަށް ގަބޫލުކުރައްވައިގެން
އެއާ އެއްގޮތަށް ޢަމަލުކުރައްވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
''ސިޔާސީ ގޮތުން ރައީސް ނަޝީދު ހައްޔަރުކޮށްގެން، ރައީސް ނަޝީދު 22 ފެބްރުވަރީ 2015 ގައި ހައްޔަރުކޮށް، 18 ޖަނަވަރީ 2016 ގައި ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގަތުމާ ދޭތެރޭގައި އިއްޒަތްތެރި ރައީސް، އެމް.ޑީ.ޕީގެ މެންބަރުން އެ ހޭދަވި ތިން ސަތޭކަ ތިރީހަކަށް ދުވަހުގެ ތެރޭގައި ތިން ސަތޭކައަށް ވުރެ ގިނަ ރެލީ ބާއްވާފައި އެބަހުރި. ތިން ސަތޭކައަށް ވުރެ ގިނަ މުޒާހަރާ ބާއްވާފައި އެބަހުރި، އެމް.ޑީ.ޕީގެ މެންބަރުން ވަރުބަލިކަމެއް، ފޫހިކަމެއް ނެތި އެކަމާ ދެކޮޅަށް، މިދެންނެވީ އެންމެ ފުރަތަމަ ވެސް ރައީސް ނަޝީދު ހައްޔަރުވުމާއެކީ ބައިނަލްއަގުވާމީ ދުނިޔެ، އެންމެ ފުރަތަމަ ވެސް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އެކަމާ ދެކޮޅަށް ބަސްވިދާޅުވި. އދ.ގެ ހިއުމަން ރައިޓްސްއާ ބެހޭ ޖަމުޢިއްޔާއިން، އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ލޯޔަރުން ވަޑައިގެން އެކަމާ ދެކޮޅުހެއްދެވި. އެމް.ޑީ.ޕީގެ ހުރިހާ މެންބަރުން، ހުރިހާ މެންބަރުން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑެތި މުޒާހަރާތަކާއި، މަދަނީ ބަސްނޭހުންތަކާއި އެއްވުންތަކާއި، ހިނގާލުންތަކާއި، ޖަލްސާތަކާ ބާއްވައި، މި ދެންނެވިހެން ހަމަ އިންތިޒާމުވެގެން ހަމަ މެދުކެނޑުމެއް، ވަރުބަލިކަމެއް ނެތިއެހެން ނަމަވެސް، ބައްލަވާ ރައީސް ޔާމީނާ ބެހޭ ގޮތުން އެ ބޭފުޅުން ކަންތައް ކުރައްވާ ގޮތް.''
ވައްޑޭ ވިދާޅުވިއެވެ.
''އެންމެ ފަހުން ރައީސް ޔާމިންގެ ޝަރީޢަތަށް ކޯޓަށް ވެސް، ހަމައެކަނި ރައީސް ޔާމީން ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަޤާމުތައް ދެއްވާފައި ތިބި އަދަދަށް ވެސް ނެތް އެ ތަނަކަށް މީހަކު ގޮސްފައެއް. މި ބޭފުޅުން ހަމަ ކުޑަދޮށުގައި ހިނިވަރުނަކުރައްވަން ތިއްބަވަނީ އިނގޭތޯ.''
ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދު މިނިވަންކުރާށޭ ކިޔާފައި އަށް ސަތޭކައަށް ވުރެ ގިނަ އެމް.ޑީ.ޕީ މެންބަރުން ޖަލަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ލީޑަރޝިޕް ރައީސް ޔާމީން މިނިވަން ކުރަން އެކަށޭނަ މަސައްކަތެއް ނުކުރާކަމަށާއި، އެންމެ ފަހުން އެކަމާ ރައީސް ޔާމީންގެ އަނބިކަނބަލުން
ހިތްހަމަޖެހިވަޑައިނުގެން، އޭރުގައި ރައީސް ޔާމީނާ އެންމެ ދެކޮޅު ކުރީގެ ނައިބު ރައީސް ޖަމީލާއި، ކުރީގެ ރައީސް ވަޙީދު ފަދަ ބޭފުޅުން ގެންގޮސް ޔާމީނުގެ ދިފާއުގައި މަސައްކަތް ހިސާބަށް ކަންކަން ދިޔައީ ކަމަށެވެ.
މެންބަރު ވައްޑޭ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އަދިވެސް ލާމަރުކަޒީ ނިޒާމުގެ ދިފާޢުގައި ވެސް، ވާދަވެރި ސިޔާސީ ނިޒާމުގެ ދިފާޢުގައި ވެސް، އަދި އިންތިޚާބީ ޙައްޤު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ޓަކައި ވެސް މަސައްކަތްކުރާނެ ތެދުވެރި، ހަމައެކަނި އިޚުލާޞްތެރި ބަޔަކީ އެމް.ޑީ.ޕީކަން މާ
ރަނގަޅަށް މިއަދު ހާމަވަމެ، ދަނީ ސާބިތުވަމުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!