އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް އަމަލުކޮށްދޭން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެދިއްޖެއެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

އެހެން ކަމުން އުޅަނދު ފަހަރު އެޅުމަަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އިލްތިމާސްކުރާ ކަމަށް އީޕީއޭއިން އިން ބުންޏެވެ. އަދި އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްްތިޞޯދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އީޕީއޭއިން ބުނީ ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް 16 ޖޫން 2014 ގައި ވަނީ ހިމާޔަތްކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިއުލާނަކުން ވެސް ވަނީ އެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފައި ކަމަށެވެ.

ރާއްޖެއިން ފެންނަ އެންމަޑިގެ ދެބާވަތަކީ (އިންޓަރ ނޭޝެނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާ) އައި.ސީ.ޔޫ.އެން ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތައް ކަމަށް ވެސް އޫޕީއޭއިން ބުންޏެވެ.