ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އުޅެނީ އިންޑިއާގެ ނުފޫޒުން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ''މީ މަގޭ ރާއްޖެ'' ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
އިންސާފުގެ ވާހަކަ ދައްކާލަން ޖެހޭކަމަށް ވިދާޅުވެ، ލަތީފް ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ އިންސާފުގެ ހަމަހަމަކަން އެނގޭނީ އެމްޑީޕީގެ ލޯގޯގައި ހިމެނޭ ތިލަފަތް ފެނުމުން ކަމަށެވެ.
''އެގޮލާގެ ނީންނާނެ ކައްޓެއް، އެންމެ ވައްތަރީ ތިޔަ ކަނބަލުން ގެންގުޅޭ ކޮންމެސް އެއްޗަކާ، ވައްތަރީ، އެ ތިލަފަތުގައި ހުރި ހަމަހަމަކަން މި ބުނީ، ދެން ކޮން ތިލަފަތެއްގެ ވާހަކަތޯ ދައްކާނީ، ކޮން ތިލަފަތެއްތޯ އެއީ، އޭގައި ކޮން ކޮޅަކަށް ލައިގެންތޯ ކިރާނީ، އަޅުގަނޑުމެން ކިޔަނީ ފޫޓެއްގައި ވިއްޔާ ބާރަ އިންޗި ހުންނާނޭ، އެމްޑީޕީން ގެންގުޅޭ ފޫޓުގައި ނުހުންނާނެ ބާރަ އިންޗިއެއް، އެއްފަހަރު ފިނި ވެއްޖެއްޔާ ކުރުވާނެ، ހޫނު ވެއްޖެއްޔާ ދިގުވާނެ، މި އެމީހުން ގެނައި އިންސާފަކީ''
ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެއީ މަކުނު ގެންގުޅޭ ތިލަފަތް ކަމަށާއި، ''ކޮޅު ގޮހުރަށް ކައިފައި ތިލަފަތް އެއްލާލައިފައި އެ ސޮރުވެސް ދާނީ'' ކަމަށެވެ. އަދި އެއީ މިސަރުކާރުގެ މިސާލުކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންކޮށް ދިނުމަށް ކަމަށް ގޮވާލައި، އޭނާ ވަނީ ޔާމީންގެ ސަޕޯޓަރުންނަށް ބޮޑު އުންމީދެއް ވެސް ދެއްވާފައެވެ.
''ރައީސް ޔާމީން މިނިވަންކޮށްގެން 21 ވަނަ ދުވަހު ނެރޭނަން، އުފާވެރި ޚަބަރެއް މިދިނީ، އުފާވެރި ޚަބަރެއް މިދިނީ، މިނިވަން ވާނެ އިނގޭތޯ، އަނބުރާ ޖަލަކަށް ނުފޮނުވޭނެ އިނގޭތޯ''
ލަތީފް ވިދާޅުވިއެވެ.
''އިންޑިއާގެ ނުފޫޒާއި ބާރު ފޯރުވަން ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އެ އުޅުއްވަނީ، ޔަޤީން އެއީ ކަށަވަރު ކަމެއް''
ލަތީފް އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ނުފޫޒާއި ބާރު އޮތް މިންވަރު މިހާރު އެންގޭނެ ކަމަށާއި، އެމީހުން ކުށެއް ކުރިނަމަވެސް ހަދަނީ އާދައިގެ ކަމެއް ކަމަށެވެ. އިންޑިއާ މީހަކު ދިވެހި އަންހެން ކަނބަލަކަށް ގޯނާ ކުރުމުން އާދައިގެ ކަމަކަށް ހަދާލި ކަމަށާއި، އިންޑިއާ މީހަކު މިސްކިތަކަށް ވަދެ މީހަކަށް ހަމަލާ ދިނުމުން ވެސް އާދައިގެ ކަމަކަށް ހަދާލި ކަމަށެވެ.
''މިހުރިހާ ކަމަކީ، އިންޑިއާ ސަރުކާރު، އިންޑިއާ އެމްބަސީ އަޑީގައި އޮވެގެން ކުރާ ކަންތައްތައްމީ، މިކަން އެބަޖެހޭ އަޅުގަނޑުމެން ހުއްޓަން، ނިންމަން އެބަޖެހޭ، އަޅުގަނޑުމެން މިކަން ކަން ދޫކޮށްލައިގެން ނުވާނެ އިނގޭތޯ، މިކަމަށް މިނިވަންކަމާއެކު ނިކުންނަންވީ، މިކަމަށް ޖިހާދު ކުރަންވީ، މިކަމަށް ގުރުބާންވާންވީ އިނގޭތޯ، މިކަމަށް އެންމެން އެކަތި ގަނޑަކަށް ވާންވީ''
ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ''ޤައުމު މިނިވަން'' ކުރެވޭނީ ނުކުމެގެން ކަމަށާއި، އެކަތި ގަނޑަކަށްވެ މި ސަރުކާރު ''އިނދަ ޖައްސާލަން''ވީ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ''މިސަރުކާރު ކުދިކޮށް ކޮށައި'' ހުރިހާ ކަމެއް ހަމަޔަކަށް އަޅުވަންޖެހޭ ހިސާބަށް ގޮއްސި ކަމަށް އޭނާ ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައީސް ޔާމީން މިނިވަން ނުކުރާހާ ހިނދަކު ދޫ ދިނުމެއްނެތި، އެމަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!