ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ "އިންކަމް ސަޕޯޓް އެލަވަންސް"ގެ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިގޮތުން ޖޮބް ސެންޓަރުން ވަނީ، ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

Ad
rt

ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

މި ކަމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ ހުސްމި 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް އިންކަމް ސަޕޯޓުގެ ގޮތުގައި 221.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.