އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް ވިދާޅުވީ އެ ސިޓީއަށް އެންމެ ގިނައިން ޒިޔާރަތްކުރާނީ އިނގިރޭސި ވިލާތުގެ ފަތުރުވެރިންކަމަށް ބެލެވޭތީ، އެކަމަށް އިޝާރާތްކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ މިގޮތަށް ވިދާޅުވީ، ''އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް'' އޭނާ ވިދާޅުވީ ކޮން މާނައެއްގައި ކަމަށް އަންގައި ދިނުމުގެ ގޮތުންނެވެ.

Ad
rt

އައްޑޫ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި، އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. މައުސޫމް އެ މޭރުމުން ވިދާޅުވި ވިދާޅުވުން ބައެއް މީޑިއާތަކުން ވަނީ ގެނެސްދީފައެވެ.

"އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ. އެހެން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތުންގެ ޖީބަށް އަޅުގަނޑު ދަންނަވާނީ ޕައުންޑް ވަންނާނެއޭ. އެއީ އަޅުގަނޑުމެން މިސްރާބު ޖަހާ ދިމާލަކީ،"

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވި އެވެ.

އެ ވިދާޅުވުން މާނަކޮށް ދެއްވައި ޑރ. މައުސޫމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ''އައްޑޫ ސިޓީއަށް ޓޫރިޒަމުން ވަންނާނީ ޕައުންޑް ކަމަށް ބުނި ބަހުގެ މާނައަކީ އައްޑޫ ސިޓީއަށް އެންމެ ބޯކޮށް އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސިން ހިމެނޭނެ ކަމަށް ބެލެވޭ ވާހަކަ'' ކަމަށެވެ.

އިއްޔެ އައްޑޫގައި އޮތް "ބްރިޓިޝް ލޯޔަލްޓީ ޝިޕް ރެކް" އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ، މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ރަސްމީ ހަރަކާތްތައް އައްޑޫގައި ބާއްވަން ނިންމާފައިވާކަން ވެސް ޢިއުލާން ކުރަށްވާފައެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހަކީ ސެޕްޓެމްބަރު 27 އެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ، އައްޑޫގައި ޓޫރިޒަމް ފުޅާކުރަން މި އަހަރު ހާއްސަ ކަންތައްތަކެއް ކުރާ އިރު އައްޑޫ ކައުންސިލުން ދިން ދައުވަތު ގަބޫލުކޮށް އެ ސިޓީގައި ދުނިޔޭގެ ޓޫރިޒަމްގެ ދުވަސް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.