ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ށ. މަރޮށި، އައްސޭރި، މުޙައްމަދު ވަޙީދު އަށް ލިބިވަޑައިގެންފިއެވެ.

މުޙައްމަދު ވަޙީދަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Ad
mooomoo 1

ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް މުޙައްމަދު ވަޙީދު ދަނޑުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ 1984 ވަނަ އަހަރުއެވެ. މިގޮތުން އޭނާ ފުރަތަމަ މަސައްކަތް ކުރަށްވަން ފެއްޓެވީ މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ށ. މަޑިދޫގައެވެ.

ވަޙީދު ދަނޑުވެރިކަން ކުރަށްވާ ށ. މަޑިދޫއަކީ 104 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި ވަޙީދު ކުރަށްވާ ދަނޑުވެރިކަމުގެ މަސައްކަތުން ރާއްޖޭގެ އެންމެ ގިނަ ބާވަތްތައް ހައްދައި ބާޒާރަށް ނެރޭ މީހުންތެރޭ ވަހީދު ހިމެނި ވަޑައިގަންނަވައެވެ. ވަޙީދު ކުރިން އެ މަސައްކަތް ކުރަށް ވަމުން ގެންދެވީ އެ ރަށް ވަރުވާއަށް ނަގާފައިވާ ފަރާތުން ކުއްޔަށް ނަންގަވައިގެން ކަމަށް ވިޔަސް 7 މާރިޗް 2014 އިން ފެށިގެން އޭނާ ވަނީ 21 އަހަރަށް، އެރަށް ''ޕޯލްޓްރީ އާއި ދަނޑުވެރިކަން'' ކުރުމަށް ނަންގަވާފައެވެ.

ވަޙީދު ކުރިން ވަނީ މަރޮށި ކައިރީ އޮންނަ އިތުރު ތިން ފަޅުރަށެއްގައި ވެސް އާދައި ދަނޑުވެރިކަން ކުރަށްވާފައެވެ.

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 24 ބޭފުޅަކަށް މިރޭ ދެއްވާފައި ވާއިރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

Ad
df

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.