ދިވެހި މަސްވެރިންގެ ހުރި ކަންބޮޱވުންތައް އަޑުއެހުމަށް، ސަފުހަދާފައި ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް މީހުންކަމަށް، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގެންނެވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ޝީލްޑް ތަކެއް ހިފައިގެން ހިނގާފައިދާ ފުލުހުންތަކެއް ފެންނަ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

މީސްމީޑިއާގައި ކުރިން ދައުރުވި ފޮޓޯތަކަށް ބަލާއިރު، އެ ފޮޓޯއިން ފެންނަ ފުލުހުންނަކީ އިއްޔެ ފެލިވަރުގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސްވެރިން ބައިވެރިވެގެން ކުރި އިހުތިޖާޖު ހުއްޓުވަން ދިޔަ ފުލުހުން ކަމަށް ބެލެވެއެވެ.

މިހާރު ފުޅާދާއިރާއެއްގައި މަހުގެ ބާވަތްތައް ގަނެ، ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ރުކުމާގެ އެ ޓްވީޓްގައި ވިދާޅުވީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ޝުޢޫރު ފާޅުކުރުމުން، ސަފުހަދާފަ ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް ފަރާތްތަށް ކަމަށެވެ.

'' މަސްވެރިންނަކީ އަބަދުވެސް ސުލްހަ އިސް ކުރާ ބައެއް.. ނަމަނަމަ 50,000 މަސްވެރިންނާ ތިމޭރުމުން ދިމާނުކުރާތި ގޯސްވާނެ''

ރުކުމާ ވިދާޅުވިއެވެ.

ރުކުމާ މިހެން ވިދާޅުވިއިރު، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިއްޔެ ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެ، ހައްލު ނުލިބި ދިގުދެމިގެންދާތީ ކަމަށެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން މައިގަނޑުގޮތެއްގައި އަޑުއުފުލީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށް އެދިއެވެ. އަދި ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް އެ އިހުތިޖާޖުގައި ގޮވައިލާފައިވެއެވެ. މީގެއިތުރުން އިހުތިޖާޖުކުރާ މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރުމެވެ.

ފެލިވަރަށް ފުލުހުން ދިޔުމުން ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާކަމަށްބުނެ މަސްވެރިން ފެލިވަރު ކުރަމުންދިޔަ މުޒާހަރާ ރޭ ވަނީ ހުއްޓާލާފައެވެ.

އިއްޔަ ހެނދުނުން ފެށިގެން ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިން ފެލިވަރުން ދިޔައީ ރޭ 9 ޖެހިފަހުންނެވެ.