މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ ކަމަށާއި، މަސްވެރިކަމުގެ ވުޒާރާ ހިންގަވަން ހުންނެވި ވަޒީރު، ޒަހާ ވަހީދަށް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭނަމަ، ވަޒީރު ބަދަލުކޮށްގެން ވެސް ހައްލު ހޯއްދަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިއްޔެ އިހުތިޖާޖު ކޮށްފައިވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ނިހާދުގެ މި ޓުވީޓުގައި ވަނީ މަސްވެރިކަމަށް ސަރުކާރުން އަޅާލާ ނަމަ ފެލިވަރާއި ކޫއްޑޫ އޮންނާނީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތަރައްގީ ކުރިއިރު އޮތް ހާލަތުގައި ނޫން ކަމަށް ބުނެ މީހަކު ކުރި ޓްވީޓެއް ހިމަނުއްވާފައެވެ.

އެ ޓުވީޓަށް ރައްދު ދެއްވައި ނިހާދު ވިދާޅުވީ، މަސްވެރިންނަށް ކިރިޔާވެސް އަޅާލީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ވަޒީރަށް ނުވާނަމަ ވަޒީރު ބަދަލުކޮށްގެން ވެސް ހައްލު ހޯދާނެ. މަސްވެރިންނަށްޓަކައި އެވަނީ ފުރިހަމަ ގާނޫނެއް ވެސް ވުޖޫދު ކޮށްފައި،"

ނިހާދު ވިދާޅުވިއެވެ.

އިތުރު ޓްވީޓަކަށް ރައްދު ދެއްވަމުން ނިހާދު ވަނީ ރައީސް ޔާމީނާއި ރައީސް ވަހީދުގެ ސަރުކާރުން މަސްވެރިން ބޭނުންކުރީ ސިޔާސީ ހަރަކާތްތަކަށް އެކަނި ކަމަށް ވިދާޅުވެފައެވެ. އަދި އެ ސަރުކާރުތަކަށް މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައި ނުދެވުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައާއި، ރައީސް ވަހީދުގެ ވެރިކަމުގެ 2 އަހަރު، ތެލުގެ އަގު ހެޔޮކޮށް ވަކި ބަޔަކަށް ކަނޑު ވިއްކާފައި ވަނިކޮށް އެކަން ހުއްޓުވީ މި ސަރުކާރުން ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ. އިތުރަށް ނިހާދު ވިދާޅުވީ މަހުގެ އަގަށް ހަމަ އަގު ދެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީނު ކުރެއްވީ މަސްވެރިން އަޅުވެތި ކަމަށާއި، ''މިއީ ހަގީގަތް'' ކަމަށާއި، އެކަންކަން އޮޅުވައި ނުލެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިހާދު މިހެން ވިދާޅުވެފައިވާއިރު، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސްވެރިން އިއްޔެ ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ފެލިވަރުގައި އިހުތިޖާޖު ކޮށްފައެވެ. އެ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ނުލިބި ދިގުދެމިގެންދާތީ ކަމަށެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން މައިގަނޑުގޮތެއްގައި އަޑުއުފުލީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށް އެދިއެވެ. އަދި ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް އެ އިހުތިޖާޖުގައި ގޮވައިލާފައިވެއެވެ. މީގެއިތުރުން އިހުތިޖާޖުކުރާ މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރުމެވެ.

ފެލިވަރަށް ފުލުހުން ދިޔުމުން ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާކަމަށްބުނެ މަސްވެރިން ފެލިވަރު ކުރަމުންދިޔަ މުޒާހަރާ ރޭ ވަނީ ހުއްޓާލާފައެވެ.

އިއްޔެ ހެނދުނުން ފެށިގެން ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިން ފެލިވަރުން ދިޔައީ ރޭ 9 ޖެހިފަހުންނެވެ.