1953 ގެ ސަރުކާރުން ދަޅުގައި މަސް ބަންދު ކުރަން ފެށިނަމަ މިފްކޯ ވެސް އުފައްދަން ނުޖެހުނީސް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވިކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރަށްވައި ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

އެ ނޫހުގައި އެ ޚަބަރު ގެނެސްދީފައިވާ ސުރުޚީގައި ބުނަނީ، ''ކުރީ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ، އުތުރުގެ މަސްވެރިންގެ ޝަކުވާތައް މިއަދު ނުހުންނާނެ'' މިހެންނެވެ. މި ޚަބަރާއި، މަސްވެރިން އިއްޔެ ފެލިވަރުގައި ކުރި އިހުތިޖާޖުގެ ފޮޓޯއެއްގެ އިތުރުން ފެލިވަރަށް ފުލުހުން އަރާ މަންޒަރު ފެންނަ ފެޓޯއެއް ސައީދުގެ ޓުވީޓްގައި ވަނީ ހިމަނުއްވާފައެވެ.

ސައީދު ވިދާޅުވީ 1953 ގެ ސަރުކާރުން ދަޅުގައި މަސް ބަންދު ކުރަން ފެށިނަމަ މިފްކޯ ވެސް އުފައްދަން ނުޖެހުނީސް ކަމަށެވެ.

''ރައީސް އިބޫއަށް ވެރިކަމާއި މުޅި ދައުލަތުގެ ހެއްދެވިހާ ބާރެއް ޖަމާކޮށް ދިނީ ކުރީ ސަރުކާރު ކިޔަންތޯ؟''

ސައީދު ސުވާލު ކުރަށްވާފައި ވެއެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންތަކެއް، ފެލިވަރުގައި އިއްޔެ ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ މަސްވެރިން ބުނެފައި ވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެ، ހައްލު ނުލިބި ދިގުދެމިގެންދާތީ ކަމަށެވެ.

ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ވިއްސަކަށް ދޯނީގެ މަސްވެރިން ބައިވެރިވި އެ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން މައިގަނޑުގޮތެއްގައި އަޑުއުފުލީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށް އެދިއެވެ. އަދި ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް އެ އިހުތިޖާޖުގައި ގޮވައިލާފައިވެއެވެ. މީގެއިތުރުން އިހުތިޖާޖުކުރާ މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވަނީ މަސްވެރިންނާ ފޯނުން ގުޅުއްވައި އެމީހުންގެ ޝަކުވާތައް އައްސަވައިފައެވެ. އަދި ފެލިވަރަށް ފުލުހުން ދިޔުމުން ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާކަމަށްބުނެ މަސްވެރިން ފެލިވަރު ކުރަމުންދިޔަ މުޒާހަރާ ރޭ ވަނީ ހުއްޓާލާފައެވެ.

އިއްޔަ ހެނދުނުން ފެށިގެން ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިން ފެލިވަރުން ދިޔައީ ރޭ 9 ޖެހިފަހުންނެވެ.